06 އޮކްޓޯބަރ 2018 - 13:20

ރިޔާސީ އިންތިޚާބަށް ފަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މި ޓްރާންސިޝަން މުއްދަތުގައި، މިހާރުގެ ސަރުކާރުން ދައުލަތުގެ މުދާތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި އާ ސަރުކާރުން އެ މައްސަލަތައް ބަލާނެ ކަމަށް ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިފަދަ ޓްރާންސިޝަނެއްގެ މުއްދަތުގައި ދައުލަތުގެ އެސެޓްސް ވިއްކާފައިވާ ނަމަ، އެ ވިއްކަމުން ދަނީ އިޚްލާސްތެރިކަމެއް ނެތި. ދައުލަތުގެ އެސެޓްސް ޓްރާންސިޝަނެއްގެ މުއްދަތުގެ ތެރޭގައި ގަންނަ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ. މިހާރު އެ ހިނގަމުންދާ ކަންކަމަކީ އެއްވެސް ކަހަލަ އިޚްލާސްތެރިކަމެއް ނެތި ހިނގާ ކަންތައްތަކެއް،" ޝާހިދާއި ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ބޭއްވެވި ޕްރެސް ބްރީފިންގައި ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ އެސެޓް ވިއްކުމާއި ވަޒީފާ ދިނުން އަދި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ކުރަމުންދާ ނަމަ އެކަންކަން ހުއްޓުވުމަށް އިބޫގެ ފަރާތްޕުޅުން ސަރުކާރުގެ އިދާރާތަކަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން މިހާރު އަޅުގަނޑުމެން ވާނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސިޓީއެއް ފޮނުވާފައި އެފަދަ ކަންތައްތައް ސަރުކާރުގެ އިދާރާތަކުން ކުރައްވަމުން ގެންދަވާ ނަމަ އެކަންކަން މިހާރުން މިހާރަށް ހުއްޓާލެއްވުމަށް. އެއީ ޓްރާންސިޝަންގެ ދުވަސްވަރަކީ އެފަދަ ކަންކަމަށް ޖާގަ ލިބޭ މުއްދަތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
އިބޫގެ ސަރުކާރު އުފެދެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ދައުލަތުގެ މުދާތައް ވިއްކަނީ "ދައުލަތަށް ގެއްލުން ދިނުމަށް" ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަންނަން އޮތް ސަރުކާރަށް ސާޅީހަކަށް ދުވަހަށް ވެފައި އޮއްވައި، ދައުލަތުގެ މިލްކު ކަމުގައިވާ ބިންތަކާއި ގޯތިތަކާ ވިއްކާލައި ހަމައެއް އުސޫލެއް ނެތި އެކަހަލަ ކަންތައް ކޮށްފައި ހުރި ނަމަ އެކަންތައް ވެގެންދާނީ އިހުލާސްތެރިކަމެއް ނެތި ދައުލަތަށް ގެއްލުން ދިނުމަށް ކޮށްފައި ހުރި ކަންތައްތައް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ދައުލަތުގެ މުދާތައް ނުއަގުގައި އަދި އުސޫލުން ބޭރުން ވިއްކުމަކީ އިބޫގެ ސަރުކާރެއްގައި ޖާގަ ނުދެއްވާނެ އެވެ.
ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ވަރަށް އޮމާންކަމާ އެކު، ކުރިއަށް ދާ ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އިބޫގެ ފަރާތްޕުޅުން މިހާރުގެ ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރާ ޓީމުތަކުން ސިޔާސީ ވާހަކަތަކެއް ނުދައްކާނެ ކަމަށެވެ.
"މިއީކީ، ސިޔާސީ ޑީލްތަކެއް ހަދަން ކުރާ މަސައްކަތެއް ނޫން. މި މަސައްކަތާއި އެ މައުލޫމާތު އަޅުގަނޑުމެން ހާމަކަން ބޮޑު ގޮތެއްގައި މީޑިއާއަށް، އާންމު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.