10 އޯގަސްޓް 2016 - 09:31

ފާއިތުވި ފަސް އަހަރު ފޯ ސީޒަންސް ސާފިން ޓްރޮފީ ބޭއްވީ ބޭރުގެ މަޝްހޫރު ރާޅާ އެޅުންތެރިންނަށް ހާއްސަ ކޮށްގެންނެވެ. ދިވެހި ރާޅާ އެޅުންތެރިއަކު އޭގެން އެއްވެސް މުބާރާތަކުން ނުފެނެ އެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި ފޯ ސީޒަނުން ވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ރާޅާ އެޅުންތެރިއާ ހުސެން އަރީފް (އިބޫ) އަށް ފުރުސަތު ދީފަ އެވެ.

"ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ފޯ ސީޒަނާ އެކު ދިވެހި ރާޅާ އެޅުންތެރިއަކަށް މި މުބާރާތުން ފުރުސަތު ހޯދުމަށް މަޝްވަރާ ކުރަމުން އަންނަތާ. މި ފަހަރު އެ ފުރުސަތު މި ލިބުނީ. މިއީ ވަރަށް ފުރިހަމަ މުބާރާތެއް. މުޅިން ތަފާތު ތަޖުރިބާ އެއް،" މުބާރާތާ ބެހޭގޮތުން އިބޫ ބުންޏެވެ.
އިބޫގެ އިތުރުން މި ފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާގެ ޝޭން ޑޯރިއަން އާއި ޖޭމީ އޯބްރަޔަން، ވޯލްޑް ސާފިން ލީގުގެ ޑެޕިއުޓީ ކޮމިޝަނަ ދެކުނު އެފްރިކާގެ ޓްރަވިސް ލޮގީ، އޮސްޓްރޭލިއާގެ ތާޖް ބޮރޯ، އެމެރިކާގެ ރޮބް މަޗާޑޯ އަދި އެމެރިކާގެ އަންހެން ސާފިން ޗެމްޕިއަން ބެތަނީ ހަމިލްޓަން އެވެ.
އިބޫ ބުނީ މިއީ ސާފިންގައި އެންމެ ފުންނާބުއުސް ރާޅާއެޅުންތެރިން ކަމަށާއި އެ މީހުންނާ އެއް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އިތުރަށް ދަސްކުރަން ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެދުރުން ކަމަށް ބަލައިގެން އުޅޭ ރާޅާ އެޅުންތެރިން. މިއީ ގިނަ މުބާރާތްތަކުގެ ތަޖުރިބާ ލިބިފައިވާ ބައެއް. އެ މީހުންނާ އެކު މި ފަދަ މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ އިތުރު ކަންތައްތަކެއް ދަސްކުރަން ވެސް އަހަންނަށް ލިބުނު ފުރުސަތެއް،" މިދިޔަ އަހަރުގެ މޯލްޑިވްސް އޯޕަންގައި ރަނގަޅު ކާމިޔާބެއް ހޯދި އިބޫ ބުންޏެވެ.
އޭނާ ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނާގެ ފޭވަރިޓް ރާޅާ އެޅުންތެރިއާ އެމެރިކާގެ ރޮބް މަޗާޑޯއާ އެއް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުމެވެ.
"އަހަރެންގެ ފޭވަރިޓް މަޗާޑޯ ވެސް މި މުބާރާތުގައި ވާދަކުރޭ. ކުރިން އޭނާގެ މެގަޒިންތަކާއި ވީޑިއޯތަން ވަރަށް ގިނައިން ބެލިން. މިއީ އަހަންނަށް ޕާސަނަލީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" އިބޫ ބުންޏެވެ.
އޭނާ ބުނީ ރަނގަޅަށް ތައްޔާރުވާން ފުރުސަތު ނުލިބުމަކީ ލިބުނު ދެރައެއް ކަމަށާއި ނަމަވެސް ބޭނުންވަނީ ދެވޭ އެންމެ ދުރަކަށް ދިއުމަށް ކަމަށެވެ.
"މާލޭގައި މިހާރު ރާޅާ އަަޅާކަން ނުލިބޭ. އެ ފުރުސަތު ގެއްލުމުން ކޮންމެ ދުވަހަކު ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭ. އެއީ ލިބުނު ވަރަށް ބޮޑު ދެރައެއް. އުއްމީދަކީ ވީހާވެސް ދުރަށް ދިއުން. އުއްމީދެއް ނެތް ފަޅިއެއް ވެސް އެބައޮތް. އެއީ ހުރިހާ ޗެމްޕިއަނުންނާ އެކު ވާދަކުރަން ޖެހޭތީ. އެކަމަކު ރާއްޖޭގެ ރާޅަށް އަޅުގަނޑު ފަރިތަވާނެ އެމީހުންނަށް ވުރެ. އެއީ ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖެއް،" އިބޫ ބުންޏެވެ.
މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނަ މި މުބާރާތް ކުރިއަށްގެންދަނީ ތިން ކެޓަގަރީ އަކުންނެވެ. އެއީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާ އެވެ. މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.