ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ އޮމާންކޮށް: ޝާހިދު
ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ އޮމާންކޮށް: ޝާހިދު

ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އަމާންކަމާއި އޮމާންކަމާ އެކު ކަމަށް ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދާއި ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ބޭއްވެވި ނިއުސް ބްރީފިންއެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ 15 މިނިސްޓްރީގެ ތެރެއިން ނުވަ މިނިސްޓްރީއަކާއި އަދި ދައުލަތުގެ އަށް ކުންފުންޏަކާ ޓްރާންސިޝަން ކޮމެޓީން މިހާތަނަށް ބައްދަލު ކޮށްފައިވާ ކަމަށެވެ.

"ކުދިކުދި ކަންކަން ދިމާވެފައި ހުއްޓަސް އާންމުކޮށް މި މަސައްކަތަކީ ވަރަށް އޮމާންކަމާ އެކީގައި ދެ ފަރާތް ގުޅިގެން ހިނގަމުންދާ މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. އެއްވެސް ކަހަލަ ދަތިކަމެއް މައުލޫމާތު ލިބުމުގައި ނެތި ފަންނީ މުވައްޒަފުން އެހީތެރިވެވަޑައިގަންނަވާ،" ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ދެ މިނިސްޓްރީއަކާ އެކު ބައްދަލުވުން ބޭއްވިއިރު، މައްސަލަތަކެއް ދިމާވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމަކު އެއީ މާ ބޮޑެތި މައްސަލަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ މިނިސްޓްރީއަކުން ކުޑަކުޑަ ހައްސާސް ކަމެއް ދިމާވި. އަޅުގަނޑަށް ހީވަނީ އެގޮތަށް އެ ދިމާވަނީ ޓްރާންސިޝަން ބަދަލު އަޅުގަނޑުމެންގ ތެރޭގައި ނުފަރިތައީ ހެން،" ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމާ ސިޔާސީ ކަންކަމުގައި ނުފަރިތަވީމާ އެހެން ދިމާވެދާނެ. އަޅުގަނޑުމެން އެކަހަލަ ކަންކަން މާ ބޮޑަކަށް ނުނަގަން."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން ލަތީފް ވިދާޅުވީ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަމަށް މިހާތަނަށް އެއްވެސް ބުރުލެއް އަރާފައި ނުވާ ކަމަށެވެ.

"ޝާހިދު އެ ވިދާޅުވި ގޮތަށް ވަރަށް އޮމާންކޮށް މަސައްކަތް ދަނީ. ހުރިހާ ފަރާތެއްގެ އެއްބާރުލުން ވެސް ލިބޭ،" ލަތީފް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޓްރާންސިޝަންއާ ގުޅޭ ކަންކަން ފެށީ، އާ ސަރުކާރަށް ބަދަލުވާއިރު ވެސް ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑިޔަ ނުދިނުމަށްޓަކައި ކަމަށެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރު ވާނީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ޚިދުމަތްތައް ލިއްބައިދޭ ސަރުކާރަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރަނގަޅަށް ސިވިލް ސާވަންޓުން މެދުވެރިކޮށް ދެނެގަނެ، އެ މަސައްކަތްތައް އެ އަށް ވުރެ ފުރިހަމަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަށް، ރައްޔިތުންނަށް އަވަސް ޚިދުމަތްތަކެއް ލިބޭނެ ގޮތަށް ފުރަތަމަ ދުވަހުން ފެށިގެން ހިނގާނެ ގޮތް އިންތިޒާމު ކުރުން އަޅުގަނޑުމެންގެ މިހާރުގެ މަސައްކަތަކަށް ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވިގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު، އިންތިޚާބީ ރައީސް އިބޫގެ ފަރާތްޕުޅުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ފަންނީ ފެންވަރެއްގަ އެވެ. އިބޫގެ ފަރާތްޕުޅުން ދާ ޓީމުތަކުން މިނިސްޓަރުންނަށް ކުރަނީ އިހުތިރާމްގެ ޒިޔާރަތެއް ކަމަށާއި ހަގީގީ މަސައްކަތް ކުރިއަށް ގެންދާނީ ސިވިލް ސާވިސްގެ މުވައްޒަފުންނާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ،