07 އޮކްޓޯބަރ 2018 - 07:11

ސްމާޓްފޯން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ގޫގުލް އެންޑްރޮއިޑް އެވެ. އެންޑްރޮއިޑް ސްމާޓްފޯނުތައް ބޭނުންކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އިންޓަނެޓް ބްރައުޒާ އަކީ "ގޫގުލް ކްރޯމް މޮބައިލް ބްރައުޒާ" އެވެ. އެހެން ނަމަވެސް، "އެކްސްޑީއޭ" ޑިވެލޮޕާސް ފޯރަމްގައި ބުނެފައިވާ ގޮތުން، ކްރޯމް ބްރައުޒާ ބޭނުންކުރުމުގައި އެންޑްރޮއިޑް ފޯނުތަކަށް ދަތިތަކެއް ދިމާވެދާނެ އެވެ.
އެކްސްޑީއޭ ފޯރަމްގައި ހުރި ވާހަކަތަކަށް ބަލާއިރު، ކްރޯމް މޮބައިލް ބްރައުޒާ ބޭނުންކުރުމަށް ގޫގުލް އިން ޝަރުތުކުރާ މިންގަނޑުތަކަށް ބަދަލުތަކެއް އެބަ އާދެ އެވެ. އެ ގޮތުގައި، ކްރޯމް ހިންގުމަށް ބޭނުންވާ "އޭޕީއައި" ލެވެލް 4.1 އިން 4.4 އަށް ބަދަލުކުރަން ގޫގުލް ބޭނުންވެ އެވެ. މި ގޮތަށް ކަން ކޮށްފި ނަމަ 32 މިލިއަން އެންޑްރޮއިޑް ޑިވައިސްގައި ކްރޯމް ބޭނުންނުކުރެވޭނެ އެވެ.
އެންޑްރޮއިޑް ފޯނެއް ބޭނުންކުރާ ކޮންމެ މީހަކަށް މިއިން ކަމެއް ނޭނގިދާނެ އެވެ. އެއްވެސް މައްސަލައެއް ނުޖެހި ކްރޯމް ބޭނުންކޮށްކޮށް ހުއްޓައި ކުއްލިއަކަށް ހުއްޓުމުން އުނދަގުލަކަށް ވެދާނެ އެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ފޯނު "އަޕްޑޭޓް"ކުރެވެން އޮތް އެންމެ މަތީ މިންވަރަކަށް ކުރުމެވެ.
އެކްސްޑީއޭ ފޯރަމްގައި ހުރި ވާހަކަތަކަށް ބަރޯސާކޮށް ވަކި ގޮތެއް ނިންމުމުގެ ކުރިން، މިސާލަކަށް އާ ފޯނެއް ގަތުމުގެ ކުރިން، ކޮށްލަން ރަނގަޅު ސުވާލެއް އެބަ އޮތެވެ. ކްރޯމް ހިންގުމަށްޓަކައި "އޭޕީއައި" ލެވެލް މަތިކޮށްފި ނަމަ 32 މިލިއަން ފޯނުގައި ކްރޯމް ބޭނުންނުކުރެވޭނެކަން ގޫގުލް އަށް އެނގޭއިރު، އެކަން ކުރާނެބާ އެވެ؟
ގޫގުލް ކްރޯމަކީ ގޫގުލުން ކުރާ ވިޔަފާރީގެ ނާރެހެވެ. އިންޓަނެޓްގައި އިޝްތިހާރުކޮށްގެން އާމްދަނީ ހޯދާ ކުންފުންޏަކަށް ގޫގުލް ވާއިރު، ކްރޯމް މަސައްކަތްނުކުރާ ގޮތަށް ބޮޑު ބަދަލެއް ގެންނާނެ ކަމަކަށް ނުފެނެ އެވެ. ކްރޯމް ހިންގަން ބޭނުންވާ ފެންވަރު މަތިކުރަން ޖެހުނު ނަމަވެސް، މައްސަލަ ހައްލުކުރަން މި ނޫން ގޮތެއް ގޫގުލުން ދައްކާނެކަން ކަށަވަރެވެ.