ކަސިޔަސް ގައުމީ ޓީމުގެ އިންތިޒާރުގައި
ކަސިޔަސް ގައުމީ ޓީމުގެ އިންތިޒާރުގައި

މެޑްރިޑް (އޮކްޓޯބަރު 6) – ސްޕެއިން ގައުމީ ޓީމަށް ކުޅުމަށް އިކާ ކަސިޔަސް އަދިވެސް އުއްމީދުކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ކަސިޔަސް އަށް 2016 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ސްޕެއިނުގެ ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބެ އެވެ.

އެކަމަކު ޕޯޗުގަލްގެ ޕޯޓޯގައި މިވަގުތު ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ ހުރީ އަލުން ޓީމަށް ކުޅުމުގެ އުއްމީދުގަ އެވެ. ސްޕެއިނުގެ ރިޕޯޓްތައް ބުނާ ގޮތުގައި ކަސިޔަސްއާ އެކު ގައުމީ ޓީމަށް ކުޅުނު މިހާރު ކޯޗުގެ ލުއިސް އެންރިކޭ ވެސް ކަސިޔަސްއާ ބަރާބަރަށް ވާހަކަތައް ބާއްވާ ކަމަށާއި، ކަސިޔަސް އަށް އަދި އެއްކޮށް ފުރުސަތު ނުގެއްލޭ ކަމަށެވެ.

ސްޕެއިނުގެ މިހާރުގެ އެއް ވަނަ ގޯލްކީޕަރު މެންޗެސްޓާ ޔުނައިޓެޑުގެ ޑޭވިޑް ޑެހެއާ އެވެ. ބަދަލު ކީޕަރުންނަކީ ޗެލްސީގެ ކެޕާ އަރިއްޒަބަލަގާ އަދި ރެއާލް ބެޓިސްގެ ޕައު ލޮޕޭޒެވެ.

ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކަސިޔަސް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. ސްޕެއިނާ އެކު ވޯލްޑް ކަޕާއި ދެ ޔޫރޯ ކާމިޔާބުކޮށްފައިވާ ކަސިޔަސް އަށް ރެއާލް މެޑްރިޑުން ފުރުސަތު ގެއްލުނު ހިސާބުން ފެށިގެން މަޑުމަޑުން ވަނީ އޮއްސެން ފަށައިފަ އެވެ.