ރޮނާލްޑޯގެ މައްޗަށް ބޮޑު ތުހުމަތެއް: މިރޭ އޭނާ ކުޅޭނެތަ؟
ރޮނާލްޑޯގެ މައްޗަށް ބޮޑު ތުހުމަތެއް: މިރޭ އޭނާ ކުޅޭނެތަ؟

ޓިއުރިން (އޮކްޓޯބަރު 6) – ރޭޕްގެ ތުހުމަތުކުރެވިފައިވާ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭ އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅެން ތައްޔާރު ކަމަށާއި އެކަމަކު ފަހަރުގައި އޭނާ އަށް އަރާމުކުރަން ފުރުސަތު ދީފާނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

"އަހަންނަށް ދެވިދާނެ މާރިއޯ މަންޒުކިޗާއި ޕައޮލޯ ޑީބަލާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ތިން ފޯވާޑުންގެ ލައިނަކާ އެކު ކުރިއަށް. އެ ނޫނީ އޭގެ ތެރެއިން އެކަކަށް އަރާމުކުރަން ފުރުސަތު ވެސް ދެވިދާނެ،" އެލެގްރީ ބުންޏެވެ.

"ރޮނާލްޑޯގެ ހާލަތު ރަނގަޅު. އޭނާ ހުރީ ކުޅެން ތައްޔާރުގައި. ދަނޑުމަތީގައި އަދި ދަނޑުބޭރުގައި އޭނާގެ ޕްރޮފެޝަނިލަޒަމާ މެދު ސުވާލެއް ނެތް."

އެމެރިކާގެ ފުލުހުން ވަނީ، ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ފަށާފައިވާ ކަމަށް ބުނެފަ އެވެ. ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޕްކުރި ކަމަށް މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ ދޮގުކޮށްފަ އެވެ.

މަޔޯގާ ބުނީ ރޭޕުގެ ވާހަކަތައް ސިއްރުކުރަން އޭނާ ލައްވައި 2010 ވަނަ އަހަރު މަޖުބޫރުން ސޮއިކުރުވާފައިވާ ކަމަށެވެ. އޭނާގެ ވަކީލް ބުނީ މި ވާހަކަތައް ހާމަކުރަން މަޔޯގާ އަށް ހިތްވަރުލިބުނީ ނުފޫޒުގަދަ ފިރިހެނުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ރޭޕާ ދެކޮޅަށް ހިންގާ "މީޓޫ" ކެމްޕެއިނުގެ ސަބަބުން ކަމަށެވެ.

މި ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށް ރޮނާލްޑޯގެ ދެ ސްޕޮންސަރުން ކަމަށްވާ ނައިކީ އަދި އީއޭ ސްޕޯޓްސް އިން ވަނީ ބުނެފަ އެވެ. ރޮނާލްޑޯއާ އެކު ބިލިއަނެއްހާ ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާ ނައިކީ އިން ބުނީ ހާލަތު ވަރަށް ގާތުން ބަލާނެ ކަމަށެވެ.

ރެއާލް މެޑްރިޑުގައި ހުއްޓާ މި ސީޒަނުގައި ރޮނާލްޑޯ 115 މިލިއަން ޑޮލަރަށް ގަތް ޔުވެންޓަސް އިން އޮތީ އޭނާގެ ދިފާއުގަ އެވެ. އެކަމަށް އެ ކްލަބުން ކުރި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ ކްލަބުން ކުރި ޓްވީޓުގައި ބުނީ މިދިޔަ މަސްތަކުގައި ރޮނާލްޑޯ ވަނީ އޭނާގެ ޕްރޮފެޝަނަލިޒަމާއި ކަމަށްކަމޭހިތުމުން ސާބިތުކޮށްދީފައި ކަމަށާއި ކްލަބުގެ އެންމެން އެކަން ބަލައިގަންނަން ކަމަށެވެ. އަދި މީގެ 10 އަހަރު ކުރިން ހިނގި ކަމަށް ބުނާ އެކަންތަކުގެ ސަބަބުން ރޮނާލްޑޯއާ މެދު ދެކޭ އެ ވިސްނުމަށް ބަދަލު ނާންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.