06 އޮކްޓޯބަރ 2018 - 09:46

އަންނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމަށް މެޗުތައް ހަމަޖައްސާއިރު އެންމެ ބޮޑަށް ބަލާނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އަންނަ އަހަރު ފުޓްބޯޅަ ސީޒަނުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަންތައް ހިއްސާ ކުރުމަށް އެފްއޭއެމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދެން ކުރިއަށް ދިއުމުގައި ވިސްނާނީ ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާނެ ކަންތައްތައް ކަމަށެވެ.
"އަޅުގަނޑުމެން ވީހާ ވެސް ބޮޑަށް ވިސްނުން މިހުރީ މި ސަރަހައްދުގެ ގައުމުތަކަށް ވުރެނ ބޮޑަށް ތަންކޮޅެއް ވަރުގަދަ ޓީމުތަކާ ދެކޮޅަށް މެޗުތަކެއް ކުޅެން. އެއީ މި ކުޅުންތެރިންނަށް ވަރުގަދަ މެޗުތައް ބޭނުންވޭ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ޓީމުތަކުން މެޗުތައް ރޭވުމުގައި އެންމެ ބޮޑަށް ބޭނުން ހިފަނީ މުޅި އަހަރުގެ ކަލަންޑަރުން ފީފާ އިން ނަގާފައިވާ އޮންނަ ދުވަސްތަކެވެ. އަންނަ އަހަރަށް އެއްކޮށް ބަލާއިރު ހަތަރު ސެޓު ފީފާ ޑޭސް އެބައެވެ. އެހެންވެ އެފްއޭއެމްގެ ވިސްނުން ހުރީ އެ ހަތަރު ސެޓުގައި ހިމެނޭ ޖުމްލަ 36 ދުވަސް ގައުމީ ޓީމަށް ބޭނުންކުރާށެވެ.
"އަސްލު މި ގޮތަށް މި ހަދަނީ ކްލަބްތަކަށް ވެސް ފަސޭހަ އަކަށް. އެއީ ކުޅުންތެރިން ރިލީސްކުރުމުގައި ވެސް ދަތިތަކެއް ނުހުންނަ ގޮތަށް،" ސާންތީ ވިދާޅުވި އެވެ.
"ސީޒަން އަންނަ ސީޒަނުގައި ރާވާފައި އޮންނާނީ ފްލެކްސިބަލްކޮށް ޓީމުތަކުން ބޭނުންވާ ގޮތަށް. އެ ގޮތަށް ސީޒަން ކުރިއަށް ގެންދެވޭނެ. މާލޭ ލީގު ދިޔައީމަ މި ދަނީ 56 މެޗު. ދެން ގާތްގާތުގައި މެޗުތައް ކުޅޭކަށެއް ނުޖެހޭނެ. އެ ހުރިހާ ކަމެއް ލުއި ވެގެންދާނެ،"
މި އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ބައިވެރިނުވެ އެވެ. އެކަމާ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެފްއޭއެމުން އަންނަ އަހަރު އެންމެ ގިނައިން ބައިވެރިވާނީ 23 އަހަރުން ދަށުގެ ޓީމުގެ މުބާރާތްތަކުގަ އެވެ.
އެ ގޮތުން 23 އަހަރުން ދަށުގެ ޓީމަށް އޭއެފްސީ ކޮލިފިކޭޝަނާއި އޮލިމްޕިކް ކޮލިފައިން އަދި ސައުތު އޭޝިއަން ގޭމްސް އޮންނާނެ އެވެ. ސައުތު އޭޝިއަން ގޭމްސްއާ މެދު އަދި ސަތޭކަ ޕަސެންޓް ޔަގީންކަމެއް ނެތެވެ. އަންނަ އަހަރު ސީނިއާ ޓީމަށް އޮތީ މޮރިޝަސްގައި ޖޫން މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.
ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ އެކަމަގެ ޝަކުވާ އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗުން ވަނީ ކޮށްފަ އެވެ. ގިނަ މެޗުތަކެއް ނުލިބި ޓީމު ކުރިއަރުވާ އުނދަގޫވާނެ ކަމަށް ވެސް އެ ކޯޗުން ފާހަގަކުރި އެވެ. ފީފާ ދުވަސްތަކުގައި އަންނަ އަހަރު މެޗުތައް ކުޅެން ނިންމުމުން އެކަމަށް ލުޔެއް ލިބޭނެ އެވެ.
މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ކާމިޔާބަށް ފަހު ގައުމީ ޓީމު ދެން އެންމެ އަވަަހަށް ކުޅޭ މެޗަކަށް ވެގެންދާނީ އަންނަ މަހު 3 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗެވެ. އެފްއޭއެމުން ބުނީ އެ މެޗުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.