އުރަމަތީގެ ކެންސަރަށް އޭޑީކޭއިން ހިލޭ ސްކްރީން ކޮށްދެނީ
އުރަމަތީގެ ކެންސަރަށް އޭޑީކޭއިން ހިލޭ ސްކްރީން ކޮށްދެނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވައި ހިލޭ ސްކްރީން ކޮށްދޭން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން އޮންނާނެ ކަމަށެވެ.

ބްލޮކް އޭގެ 22 ވަނަ ކޮޓަރި އަށް ދިއުމުން އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ބައިނަލްއަގުވާމީ ގޮތުން ހަމަޖައްސާފައިވާ މަހެވެ. މި މަހުގެ ތެރޭގައި އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަން ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ސްކްރީނިންގެ އިތުރުން އަމިއްލަ އަށް އެކަން ދެނެގަނެވޭނެ ގޮތްތައް ވެސް ދަސްކޮށްދޭނެ ކަމަށެވެ.

"އެތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސްކްރީނިންގެ ބޭސިކް ދަސްކޮށްދޭނެ. އެ ޕްރޮގްރާމުގެ ތެރޭގައި މައުލޫމާތު ދިނުމާއި ސްކްރީނިންނާއި ސެލްފް އެގްޒާމިންގެ ކަންތައްތައް ދަސްކޮށްދިނުން އޮންނާނެ. ސްކްރީނިންގެ ތެރޭގައި އަލާމާތެއް ފާހަގަކުރެވެންޏާ، ސްކްރީނިންގެ ތެރެއިން އެ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމަންޓް ހެދުމުގެ މަގު ވެސް ފަހިކޮށްދޭނެ،" އަފްއާލް ވިދާޅުވި އެވެ.

މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް ސްކްރީނިން ހިންގާނެ ކަމަށް ވިދާޅުވި އެވެ.

އުރަމަތީގެ ކެންސަރު ދެނެގަންނަން ދަސްކޮށްދޭނެ ކްލާސްތަކެއް ނަގައިދޭން ވެސް އޭޑީކޭ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކްލާސްތަކާ ބެހޭ މައުލޫމާތު ފަހުން އާއްމުކުރާނެ އެވެ.