06 އޮކްޓޯބަރ 2018 - 08:57

ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފިލްމަކުން ފުރަތަމަ ފަހަރަށް ފުރުސަތެއް ލިބުނު އިރު، ލިބުނީ އޭނާ ބޮޑު ސްކްރީނުގައި ވަރަށް ބޮޑަށް ކުޅެލަން ބޭނުންވެފައި ހުރި ކަހަލަ ވަރުގަދަ ރޯލެއް ކަމަށް ރަންވީރު ސިންގް ބުނެފި އެވެ.
ދެހާސް ވިހީގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގައި ރަންވީރު ފެނިގެން ދާނީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ދާރާ ޝިކޯގެ ކެރެކްޓާއިންނެވެ. ދާރާއަކީ މުގާލްގެ ރަސްކަން އިންޑިއާގައި އޮތް ޒަމާނުގައި ރަސްކަން ކުރި ޝާހް ޖަހާންގެ ވާރުތަވެރިންގެ ތެރެއިން ފަސް ވަނަ އަށް ދޮށީ ފިރިހެން ދަރިކަނލަކުންނެވެ.
"ތަހުތު" އަކީ މުގާލްގެ ރަސްގެކަމުގެ ތެރެއަށް ގޮސް، ކަރަން މިހާތަނަށް ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ތާރީހީ ފިލްމެވެ. މީގެ ކާސްޓުންގެ ތެރޭގައި ރަންވީރާ އެކު، ވިކީ ކޯޝަލް، އާލިއާ ބަޓް، ކަރީނާ ކަޕޫރް، އަނިލް ކަޕޫރް، ބޫމީ ޕެޑްނޭކަރް އަދި ޖާންވީ ކަޕޫރް ފެނިގެން ދާނެ އެވެ.
ކަރަން ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" ގެ ބަތަލުގެ ރޯލު ވެސް ކުޅޭ ރަންވީރު ބުނި ގޮތުގައި "ތަހުތު" އިން ފުރުސަތު ލިބުނީ ކަރަންގެ ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލުމުގެ ހުވަފެން ދެކެމުން ދަނިކޮށެވެ.
"އަނެއްކޮޅުން އަހަރެން ދެ މީހުން ވެސް ގެންދިޔައީ އެކުގައި މަސައްކަތްކޮށްލެވޭނެ ދަނޑިވަޅަކަށް ބަލަމުން. ތަހުތުން އެ ފުރުސަތު ފަހުވީމަ ވަރަށް އުފާވެފައި މި ހުންނަނީ،" "ބަޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" ފަދަ ތާރީހީ ފިލްމުތައް ކުޅެފައިވާ ރަންވީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ތަހުތު" ވެގެން ދާނީ ކަރަން މިހާތަނަށް ޑައިރެކްޓް ކުރާ އެންމެ ބިޔަ އަދި އެންމެ ފުރިހަމަ ފިލްމަށެވެ. ކަރަންގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އެވެ.
ރަންވީރުގެ "ސިމްބާ" ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 28 ގަ އެވެ. މި ފިލްމަކީ ކަރަންގެ ފިލްމު ކުންފުނި ދަރްމާ އަށް އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ.