އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީގެ ރޯލް ދީޕިކާ ކުޅޭނެ
އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީގެ ރޯލް ދީޕިކާ ކުޅޭނެ

ޑައިރެކްޓަރު މެގްނާ ގުލްޒާރާ ގުޅިގެން ފިލްމެއް ހަދަން ނިންމައި، އެ ފިލްމު ޕްރޮޑިއުސް ކުރާނެކަން ޔަގީންކޮށް ދިނުމަށް ފަހު، ފިލްމުގެ ބަތަލާގެ ރޯލް ދީޕިކާ ޕަދްކޯން ކުޅޭނެކަން ކަށަވަރުވެއްޖެ އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަކީ އުމުރުން އެންމެ 15 އަހަރުގައި މޫނަށް ދިން ނުރައްކާތެރި އެސިޑް ހަމަލާއަކާ ގުޅިގެން، ސާޖަރަކީއަކަށް ފަހު، އާދައިގެ ދިރިއުޅުމެއް ހޯދި ލަކްޝްމީ އަގަރްވާލް، 28، ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގައި ލަކްޝްމީގެ ރޯލް ދީޕިކާ ކުޅޭނެކަން، ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވެސް ވަނީ ޔަގީންކޮށް ދީފަ އެވެ.

ލަކްޝްމީއަކީ މިހާރު އިންޑިއާގައި އެސިޑް ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންގެ ދިފާއުގައި މަސައްކަތްކޮށް، އެފަދަ މީހުންގެ ހައްގުތައް ހޯދައި ދޭން މަސައްކަތްކުރާ، ވަރަށް ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ އަންހެނެކެވެ. އޭނާއަކީ ޗަންވް ފައުންޑޭޝަންހެ ޑިރެކްޓަރު ވެސް މެ އެވެ.

މިހާރު އަންހެން ދަރިއަކު ވެސް ހުރި ލަކްޝްމީ އަށް ވަނީ އެމެރިކާ ސަރުކާރުންދޭ އިންޓަނޭޝަނަލް ވިމެން ކަރެޖް އެވޯޑް ވެސް 2014 ގައި ލިބިފަ އެވެ.

އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން މެގްނާ މިހާރު ތައްޔާރުވަމުން އަންނަ އިރު، އޭނާ ވަނީ ލަކްޝްމީއާ ވެސް ބައްދަލުކޮށް ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. ލަކްޝްމީގެ ވާހަކަ ކިޔައިދޭ ފިލްމުވެގެން ދާނީ މި އަހަރު ކުރީކޮޅު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ދީޕިކާ ކުޅޭ ފުރަތަމަ ފިލްމަށެވެ. އަދި މެގްނާގެ ފިލްމާ އެކު، އޭނާ އަށް ރަސްމީކޮށް ޕްރޮޑިއުސަރެއްގެ ކްރެޑިޓް ވެސް ލިބޭނެ އެވެ.

މެގްނާ އެންމެ ފަހުން ޑައިރެކްޓްކޮށް، މިދިޔަ މެއި މަހު ގެނެސް ދިން "ރާޒީ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެގްނާ އާއި ދީޕިކާގެ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.