"ރަންބޫމީ" ބާއްވާފައި ސްޕައި ތުރިލާއެއް ހަދަން ޝަޝަންކް ނިންމައިފި
"ރަންބޫމީ" ބާއްވާފައި ސްޕައި ތުރިލާއެއް ހަދަން ޝަޝަންކް ނިންމައިފި

ވަރުން ދަވަން ލީޑް ރޯލަށް ލައިގެން ޝަޝަންކް ކައިތާން ޑައިރެކްޓް ކުރަން ނިންމާފައިވާ ޕީރިއަޑް/ކޮސްޓިއުމް ޑްރާމާ "ރަންބޫމީ" މި ވަގުތަށް މަޑުޖައްސައިލުމަށް ފަހު، ސްޕައި/އެކްޝަން ތުރިލާއެއް ހަދަން ޝަޝަންކް ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އޭނާ ޑީއެންއޭ އަށް ބުނީ 2020 ގެ ދިވާލީގައި ރިލީޒްކުރަން ނިންމާފައި އޮތް "ރަންބޫމީ" މި ވަގުތަށް ބާއްވައި، އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މިއީ ކުރިން އަހަރެން ނަހަދާ ކަހަލަަ ފިލްމެއް،" ޖުލައި މަހު "ދަޅަކް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް ބުނަން އަދި ދަތި. ސްކްރިޕްޓިން މަރުހަލާގައި މި އުޅެނީ. ފިލްމުގައި ލީޑް ރޯލް ކުޅޭނީ ވަރުން. އެކަމަކު އަންނަ އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނަން."

ޑީއެންއޭ އިން ބުނި ގޮތުގައި ޝަޝަންކް ޑައިރެކްޓް ކުރާ ހަތަރު ވަނަ ފިލްމު ވެސް ޕްރޮޑިއުސް ކުރާނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ. އަދި އާ ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ޝަޝަންކް ޑައިރެކްޓް ކުރި ފުރަތަމަ ދެ ފިލްމު ކަމަށްވާ ހަމްޓީ ޝަރްމާ ކާ ދުލްހަނިޔާ (2015) އާއި ބަދްރިނާތު ކީ ދުލްހަނިޔާ (2017) ގައި ލީޑް ރޯލް ވެސް ކުޅުނީ ވަރުން އެވެ. އެ ދެ ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ އާލިއާ ބަޓް އެވެ.

ކަލާޒުން މިހާރު ދައްކާ ޑާންސް ޝޯ "ޑާންސް ދިވާނޭ" ގެ ޖަޖްކަން ވެސް ކުރަނުން އަންނަ ޝަޝަންކް ބުނި ގޮތުގައި ވަރުންއަކީ އޭނާ އެންމެ ގަޔާވާ އެކްޓަރެވެ. އަދި ސްޕައި/އެކްޝަން ތުރިލާއަކާ އެކު ދެ މީހުންނަށް ތަފާތެއް ވެސް ދައްކައި ލެވޭނެ ކަމަށް ބުންޏެވެ.

މިހާރު ސިނަމާގައި އޮތް ވަރުންގެ އެންމެ ފަހުގެ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ވަރުން ވަނީ ސަލްމާން ހާންގެ ފިލްމު "ބާރަތު" ގެ ހާއްސަ ރޯލެއް ވެސް ކުޅެފަ އެވެ. އަބޫދާބީގައި އޭގެ ޝޫޓިން ނިންމާލައި، ވަރުން މިހާރު ވަނީ އެނބުރި މުމްބާއީ އަށް އައިސްފަ އެވެ.

އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަބީޝެކް ވަރްމަންގެ ޕީރިއަޑް ޑްރާމާ "ކަލަންކް" އާއި ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ޑާންސް ފިލްމެއް ހިމެނެ އެވެ. "ރަންބޫމީ" ފަސްކޮށްފައިވާ އިރު، މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ ކިހާ ތާކު ކަމެއް ނޭނގެ އެވެ.