ޔުއެފާ ސުޕަ ކަޕް ރެއާލް ކާމިޔާބުކޮށްފި
ޔުއެފާ ސުޕަ ކަޕް ރެއާލް ކާމިޔާބުކޮށްފި

ޓްރޮންހައިމް، ނޯވޭ (އޮގަސްޓް 10) - އިތުރު ވަގުތު ކުޅެގެން ސެވިއްޔާ 3-2 އިން ބަލިކޮށް ޔުއެފާ ސުޕަ ކަޕް ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑާއި ޔުރޮޕާ ލީގުގެ ތަށި ހޯދި ސެވިއްޔާގެ މެދުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ރެއާލް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ޑެނީ ކަރްވަހާލް ޖެހި ލަނޑުންވެ.

މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް ނެތި ކުޅުނު ރެއާލުން ވަނީ 21 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. އޭގެ ފަހުން ސެވިއްޔާ އިން ވަނީ ފްރަންކޯ ވަސްކުއޭޒް އާއި ޔެވެން ކޮނޮޕްލިޔަންކާގެ ލަނޑުތަކާ އެކު ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. ރެއާލް ސަލާމަތްވީ 90 މިނެޓު ހަމަވެ އިތުރަށް ކުޅުނު ތިން މިނެޓުގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ލަނޑުންނެވެ.

ދެ ޓީމު ހަމަހަމުވުން ނަތީޖާ ނެރެން ކުޅުނު 15 މިނެޓުގެ ދެ ހާފު ނިމެން ގާތްވިއިރު ވެސް ނަތީޖާ އަށް ބަދަލެއް ނާދެ އެވެ. އިތުރު ވަގުތުގެ ތެރޭގައި ސެވިއްޔާގެ ކޮލޮޒިއެޔަކް އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން އެކަކު މަދުވިއިރު ރެއާލް މޮޅުވި ލަނޑު ކަރްވަހާލް ޖެހީ އިތުރު ވަގުތުގެ ވެސް ފަހު މިނެޓުގަ އެވެ.

ސެވިއްޔާ އިން 10 އަހަރު ތެރޭ ފަސް ފަހަރު ސުޕަ ކަޕުގައި ކުޅުނު ނަމަވެސް 2006 ވަނަ އަހަރު ފިޔަވައި އަނެއް ހަތަރު ފަހަރު ވެސް ބަލިވީ އެވެ. އެގޮތުން މިއީ އެ ޓީމު ޖެހިޖެހިގެން ސުޕަ ކަޕުން ބަލިވި ތިން ވަނަ ސީޒަނެވެ. އެ ޓީމަށް މިދިޔަ ތިން ސީޒަނުގައި ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން އުނައި އެމެރީ ޕީއެސްޖީއާ ހަވާލުވެފައިވާއިރު އާ ކޯޗު ޖޯޖް ސަމްޕައޯލީ އަށް ވެސް ސުޕަކަޕުގެ ނަސީބު ބަދަލެއް ނުކުރެވުނެވެ.

ރޭގެ ތަށްޓާ އެކު ރެއާލް ވަނީ ސުޕަ ކަޕުގެ ތިން ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ލިވަޕޫލާ ހިއްސާކޮށްފަ އެވެ. ދެ ޓީމުން ވެސް ވަނީ މުބާރާތް ތިން ފަހަރު ހާސިލްކޮށްފަ އެވެ. ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރީ ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާ އާއި އޭސީ މިލާނެވެ. އެކަމަކު މިލާނަށް ވުރެ ގިނައިން ފައިނަލުގައި ކުޅެފައިވުމުން، އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ލިބެނީ ބާސެލޯނާ އަށެވެ.