ނޯބެލް ސުލްހައިގެ އިނާމު ރޭޕްއާ ދެކޮޅު އެކްޓިވިސްޓުންނަށް
ނޯބެލް ސުލްހައިގެ އިނާމު ރޭޕްއާ ދެކޮޅު އެކްޓިވިސްޓުންނަށް

އޮސްލޯ (އޮކްޓޯބަރު 5) - މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ރޭޕްއާ ދެކޮޅަށް ކެމްޕޭން ކުރަމުން ދިޔަ ދެ އެކްޓިވިސްޓުން ކަމަށްވާ ކޮންގޯގެ ޑޮކްޓަރު ޑެނިސް މުކްވެގެ އާއި އިރާގުގެ ޔަޒީދީ އަންހެނެއް ކަމަށްވާ ނާދިއާ މުރާދަށް ލިބިއްޖެ އެވެ.

މުރާދަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޖިންސީ ޝިކާރައަކަށްވެ އަނިޔާ ލިބުނު އަންހެނެކެވެ. އޭނާ ފަހުން ވަނީ އަނިޔާ ލިބެމުން ދިޔަ ޔަޒީދީ އެހެން އަންހެން ކުދިން ސަލާމަތް ކުރުމަށް ކެމްޕޭން ފަށައިފަ އެވެ. ކޮންގޯގެ ގައިނޮކޮލޮޖިސްޓް ވަނީ ޖިންސީ އަނިޔާ ލިބުނު އެތައް ބަޔަކަށް ފަރުވާ ދީފަ އެވެ.

ޝަރަފްވެރި ނޯބެލް ސުލްހައިގެ އިނާމަށް މި އަހަރު ވަނީ 331 ޖަމާއަތަކާއި އަމިއްލަ ފަރުދުން ނޮމިނޭޓްވެފަ އެވެ. މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ހޮވުނު ދެ ފަރާތުން ވަނީ ރޭޕުގެ ޝިކާރައަކަށްވި އެތައް ބަޔަކު ސަލާމަތް ކުރުމަށް އެހީވެފަ އެވެ.

މި އަހަރުގެ އިނާމު ލިބޭ އުމުރުން 25 އަހަރުގެ މުރާދު ވަނީ އައިއެސްގެ ޖިންސީ ޝިކާރައަކަށްވެ ތިން މަސް ދުވަސް ހޭދަކޮށްފަ އެވެ. އައިއެސްގެ އަޅުވެތިކަމުގައި ހުރި އިރު އޭނާ އަށް ވަނީ ޖިންސީ އެތައް އަނިޔާއެއް ދީފަ އެވެ. އައިއެސްގެ އަތް ދަށުން ނޮވެމްބަރު 2014 ގައި ސަލާމަތްވުމަށް ފަހު މުރާދު ވަނީ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ވަރުގަދަ ކެމްޕޭނެއް ފަށައިފަ އެވެ. މުރާދަށް ވަނީ ކައުންސިލް އޮފް ޔޫރަޕްގެ ހިއުމަން ރައިޓްސް ޕްރައިޒް 2016 ވަނަ އަހަރު ލިބިފަ އެވެ. އެ އަހަރު ފަހުކޮޅު އޭނާ ވަނީ ހިއުމަން ޓްރެފިކިން އިން ސަލާމަތްވާ މީހުންގެ އދ.ގެ ގުޑްވިލް އެމްބަސެޑަރަކަށް ހަމަޖައްސައިފަ އެވެ.

މުކްވެގެ، 63، ވަނީ ކޮންގޯގައި ރޭޕުގެ ޝިކާރައަކަށްވާ ކުދިންނަށް ފަރުވާ ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފަ އެވެ. މުކްވެގެ އާއި އޭނާގެ ކޮލީގުން ވަނީ ރޭޕުގެ ޝިކާރައަކަށްވި 30،000 އަށް ވުރެ ގިނަ ކުދިންނަށް ފަރުވާކޮށްދީފައި ކަމަށްވެ އެވެ. މުކްވެގެ އަށް 2008 ވަނަ އަހަރު ވަނީ އދ.ގެ ހިއުމަން ރައިޓްސް އެވޯޑް ލިބިފަ އެވެ. އަދި 2009 ވަނަ އަހަރު ވަނީ އެފްރިކަން އޮފް ދި އިޔާގެ އެވޯޑް ލިބިފަ އެވެ.