05 އޮކްޓޯބަރ 2018 - 17:07

މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން އއ. ރަސްދޫ ހުކުރު މިސްކިތުގެ ދެ މުންނާރުގެ ތެރެއިން މުންނާރެއް މިއަދު ވެއްޓިއްޖެ އެވެ.

ރަސްދޫ ކައުންސިލުން ބުނީ މުންނާރު ވެއްޓުނީ މިއަދު ހުކުރު ނަމާދަށް ފަހު، ގާތްގަނޑަކަށް މެންދުރު ފަހު 1:45 ހާއިރު ކަމަށާއި މުންނާރު ވެއްޓުން ފިޔަވައި، މިސްކިތެއް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ދެ ބުރިއަށް އިމާރާތްކޮށްފައިވާ, 600 އެއްހާ މީހުންގެ ޖާގައިގެ އެ މިސްކިތަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން ރަސްދޫގައި ވަރަށް ފަހުން ބިނާކޮށް، ބޭނުން ކުރަން ފެށި ޒަމާނީ މިސްކިތެކެވެ.
މިސްކިތުގެ މުންނާރު ވެއްޓުނު ހާދިސާއާ ގުޅިގެން ކައުންސިލުން ވަނީ އެކަން އެ ކުންފުންޏާ ވެސް ހިއްސާކޮށްފަ އެވެ.
މިސްކިތް އިމާރާތް ކުރީ އަމީން ކޮންސްޓްރަކްޝަނުންނެވެ. އަދި މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނީ ޔުނިވާސަލް އިންނެވެ.