ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މާދަމާ މާލެ ވަަޑައިގަންނަވަނީ
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މާދަމާ މާލެ ވަަޑައިގަންނަވަނީ

އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހު 2:30 ގައި ކަމަށެވެ. ޓްވީޓްގައި ޖަމީލު ވަނީ ޤުރުއާނުގެ އާޔަތަކާ ވެސް އެކު "ލޮބުވެތި ވަތަނަށް އަނބުރާ ދާނަން" ކަމަށް ވިދާޅުވެފަ އެވެ.

ޖަމީލް އާއިލާއާ އެކު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ޖަމީލް ރާއްޖެ ވަޑައިގަންނަވާ އިރު، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރުމާ އެކު، ސިޔާސީ އެކިއެކި މައްސަލަތަލަކުގައި ޖަލަށް ލާފައި ތިބި ބޭފުޅުން ވެސް މިނިވަން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށެވެ.

އަދި ޖަރުމަންވިލާތުގައި އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާއި 2015 ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ އިއްޔެ މާލެ ވަޑައިގެންފަ އެވެ.