06 އޮކްޓޯބަރ 2018 - 16:50

އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލްގެ ސޮފްޓްވެއާގެ އެހީގައި ދެނެގެންފި އެވެ.

ރަޝިޔާ ސިފައިންގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން، އިނގިރޭސީންނަށް ޖާސޫސްކޮށްދިން ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެންދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރާލަން، ޒަހަރުދިން ކަމުގެ ތުހުމަތު ކުރެވެނީ ރަޝިޔާގެ ދެ މީހަކަށެވެ.

ސްކްރިޕަލްގެ ދެ ބަފައިންނަށް އެ މީހުން ހަމަލާދިނީ، އިނގިރޭސިވިލާތުގެ ސަލިސްބަރީގައި އެ މީހުން ތިބި ހޮޓަލުގެ ދޮރުގައި، ނޮވިޝޮކް ނާވް އެޖެންޓް ކިޔާ ނުރައްކާތެރި ޒަހަރެއް ހާކައިގެންނެވެ. އޭގެ އަސަރުކޮށްގެން، ގިނަ ދުވަސްތަކެއް ވަންދެން އެ ދެމީހުން، ސީރިއަސް ހާލަތުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިއްބެވެ. އަދި ފަހުން، އެ ޒަހަރުގެ އަސަރު އިތުރު ފަސް މީހަކަށް ކޮށް، އޭގެ ތެރެއިން އެކަކު މަރު ވެސް ވެފައި ވެ އެވެ.

އިނގިރޭސިވިލާތާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އަދި، ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން ލިބުނު މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކީ، ރުސްލާން ބޮޝިރޮވް ކިޔާ ރަޝިޔާގެ މީހެކެވެ.
ރުސްލާން ބޮޝިރޮވްގެ ނަމުގައި އުޅޭ މި މީހާ އާއި އޭނާގެ ޕާޓްނަރު، އިނގިރޭސިވިލާތަށް ދިޔައީ މާޗު ދެ ވަނަ ދުވަހު އެވެ. އިނގިރޭސި ފުލުހުން ތުހުމަތު ކުރާގޮތުގައި އެއީ ރަޝިޔާގެ ދެ ޖާސޫސުންނެވެ. ގައުމަށް ޣައްދާރުވުމުން، ރަޝިޔާގެ ސަރުކާރުން، ސްކްރިޕަލްގެ ކިބައިން ބަދަލު ހިފީ އެވެ. އެކަމަކު ރަޝިޔާގެ ސަރުކާރުންނާއި މީޑިއާއިން އެކަން ވަނީ ދިފާއުކޮށްފަ އެވެ. އަދި އެއީ ކުށްވެރިން ނޫން ކަމާއި އާއްމުންގެ ބައެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕުޓިން މިހެން ވިދާޅުވި ނަމަވެސް، އެއީ ޖާސޫސުން ކަމަށް އިނގިރޭސީން ދައްކަމުން އައި ވާހަކަ މަޑެއް ނުވި އެވެ. ދެން ދައުރުވާން ފެށީ، ރަޝިޔާގެ ޖާސޫސެއް ކަމަށްވާ ކާނަލް އެނަޓޮލީ ޝެޕީގާ، މީގެ 13 އަހަރު ކުރިން ނަގާފައިވާ ފޮޓޯއެކެވެ. އިނގިރޭސި މީޑިއާއިން ތުހުމަތުކުރާ ގޮތުގައި އެނަޓޮލީ އާއި ރުސްލާންއަކީ އެކަކެވެ.
ތަހުގީގީ ނޫސްވެރިކަން ކުރާ ބަޔަކު، މިކަން ޔަގީންކުރަން ހަވާލުކުރީ ޕްރޮފެސަރު އުގައިލްއާ އެވެ.
މިކަން ކުރެއްވި ގޮތް އުގައިލް ވަނީ "މިހާރު"އާ ހިއްސާ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި 30 އަހަރުގެ ތަފާތު ހުރި މި ފޮޓޯގައި އެ ދެމީހުންގެ ސިފަ ވަރަށް ބޮޑަށް ތަފާތެވެ. އެކަމަކު، އުގައިލް އީޖާދުކޮށްފައިވާ "ފޭސް ރިކޮގްނިޝަން ސިސްޓަމް"ގެ މެދުވެރިކޮށް، ތަފާތު ތިން ގޮތަކަށް ބަލައިގެން އެ ދެމީހުންގެ މޫނުމަތީގެ ސިފަ ވަރަށް ބޮޑަށް ދިމާވެ އެވެ.
އެކަމަކު އެކަން ޔަގީންކުރަން، މެޝިންގެ ޒަރީއާއިން، ފޮޓޯގައިވާ ދެ މީހުން އެއް އުމުރަކަށް ގެނައެވެ. ދެ މީހުން ވެސް އުމުރުން 30 އަހަރުގައި ހުންނާނެ ގޮތް، މެޝިނުން ދައްކާލި އިރު އެ މީހުންގެ މޫނުމަތީގެ ސިފަތައް، 98 ޕަސެންޓް ދިމާވެ އެވެ. ނޭފަތާއި ލޮލާއި އަނގަ ހަމަ ތަފާތެއް ނެތެވެ.
އެހެންވެ، އިނގިރޭސި ޖާސޫސްގެ ދެބަފައިން މަރާލަން ޒަހަރުލީ މީހަކީ، ރަޝިޔާގެ ޖާސޫސެއްކަން މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އަދި އޭނާއަކީ، ރަޝިޔާއިން ކުރި ބައެއް ހަނގުރާމަތަކުގައި ބައިވެރިވެ، ރައީސް ޕުޓިންގެ ހާއްސަ އެވޯޑެއް ވެސް ލިބިފައިވާ މީހެކެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އުގައިލް ވިދާޅުވި ގޮތުގައި، ޒަހަރުލީ މީހާގެ އަސްލު ދެނެގަތުމުގައި އޭނާއަށް ވަކިކޮޅަކަށް ޖެހިވެދާނެތީ، އެ ހާދިސާގެ ތަފްސީލާއި އެއީ ކޮން ކުށެއްގައި ކޮން ތުހުމަތެއް ކުރާ މީހެއްތޯ ވެސް އޭނާ ނުބައްލަވަ އެވެ. މައްސަލައިގެ ތަފްސީލު އޭނާ ހޯއްދެވީ، އެ މަސައްކަތް ނިންމުމަށް ފަހު އެވެ.
މިއީ މި ފަދަ މައްސަލައެއް، އުގައިލް ހައްލުކޮށްދެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު އިނގިރޭސިވިލާތާއި ރަޝިޔާގެ މީޑިއާގައި، މިކޭސްއަށް ލިބިފައިވާ ބޮޑު ސަމާލުކަމާއެކު، މި ފަދަ ގޮތަކަށް މީހެއްގެ އަސްލު ދެނެގަނެވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
އުގައިލް ވިދާޅުވީ އެކި ގައުމުތަކުގެ ފުލުހުންނާއި ޕްރައިވެޓް ކުންފުނިތަކުން، މި ފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި އޭނާ ކައިރިއަށް އާދެ އެވެ. އަދި އޭނާގެ "ފޭސް ރިކޮގްނިޝަން ސިސްޓަމް" ވެފައިވަނީ ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ.