ސީޒަން ހުޅުވާ މެޗު ހޯމް އެންޑް އަވޭ އުސޫލުން ތިމަރަފުށްޓާއި މާލޭގައި
ސީޒަން ހުޅުވާ މެޗު ހޯމް އެންޑް އަވޭ އުސޫލުން ތިމަރަފުށްޓާއި މާލޭގައި

އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ހޯމް އަންޑް އަވޭ އުސޫލުން މާލެ އާއި ތ. ތިމަރަފުށީގައި ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ ލީގު ސިސްޓަމް ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަން ކަނޑައަޅާފައިވާ ދުރު ރާސްތާ ޕްލޭނުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އަންނަ އަހަރުގެ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތިމަރަފުށްޓާއި މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމެވެ. ތިމަރަފުށީގެ ހޯމް މެޗު އެ ރަށުގައި ކުޅޭއިރު ލީގު ޗެމްޕިއަން ޓީމުގެ ހޯމް މެޗު އޮންނާނީ މާލޭ ގަލޮޅު ދަނޑުގަ އެވެ.

ބައްސާމް ވިދާޅުވީ ހޯމް އެންޑް އަވޭ ސިސްޓަމް ރާއްޖެ އަށް ތައާރަފްކުރުމުގެ ވިސްނުމުގައި މިހާރު ވެސް 20 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް ތައްޔާރުކުރުމުގެ ޕްރޮޖެކްޓެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓްކޮށްފައި އޮތީ ކޮންމެ އަހަރަކު އިތުރު ރަށްރަށުގައި އަޅަމުން ގޮސް، ގިނަ ކުރުން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ފުޓްބޯޅަ ދަނޑެއް އޮވެ އެވެ. އެކަމަކު ގިނަ ރަށްރަށުގައި ހިރަފުސްވެފައި އޮންނައިރު އެއްކޮށް ވިނަ ހެއްދިފައި އޮންނަނީ މަދު ރަށެއްގަ އެވެ.

ރާއްޖޭގައި މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވަނީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގައި ބޭއްވި އެވެ. ހިތަދޫ ޒޯން ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށް ތަށި ހޯދީ މާޒިޔާ އެވެ.