ރޮނާލްޑޯ ބާކީކުރުމުގެ ފަހަތުގައި އޮތީ ހާއްސަ ސަބަބެއް: ކޯޗު
ރޮނާލްޑޯ ބާކީކުރުމުގެ ފަހަތުގައި އޮތީ ހާއްސަ ސަބަބެއް: ކޯޗު

ލިޒްބަން، ޕޯޗުގަލް (އޮކްޓޯބަރު 5) - މި މަހު ޕޯޗުގަލް ކުޅޭ ބައިނަލްއަގްވާމީ ދެ މެޗަށް ނެގި ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކުރަން ނިންމީ ހާއްސަ ސަބަބުތަކެއް ހުރުމުން ކަމަށާއި އެކަމަކު އެ ވާހަކަތަކަށް މީޑިއާ އަށް ހިއްސާނުކުރާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

މިދިޔަ މަހު ޕޯޗުގަލް ކުޅުނު މެޗުތަކަށް ނެގި ސްކޮޑުން ރޮނާލްޑޯ ބާކީކުރަން ނިންމީ އޭނާ އެދުމުންނެވެ. އެއީ މި ފަހަރުގެ ޓްރާންސްފާގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމަށް ހޭނެން އޭނާ ވަގުތު ބޭނުންވާތީ އެވެ. އެކަމަކު މި ފަހަރުގެ ޓީމުން ރޮނާލްޑޯ ބާކީކުރި ސަބަބެއް ސަންޓޯސް ނުބުނެ އެވެ.

"އަހަރެމެން ތިން މީހުން ދެއްކި ވާހަކަ ތަކުގެ ތަފްސީލް އަހަރެން މީޑިއާއާ ހިއްސާ ނުކުރާނަން. މިއީ ހާއްސަ ސަބަބެއް އޮވެގެން ކުރާ ކަމެއް،" ރޮނާލްޑޯ އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފެނާންޑޯ ގޯމޭސްއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން ސަންޓޯސް ބުންޏެވެ.

"ރޮނާލްޑޯ އަދި ގައުމީ ޓީމަށް ކުޅޭނެ. ގައުމީ ޓީމަށް އޭނާގެ ހިދުމަތްތައް އަދި ފެންނާނެ. އެކަމަށް ހުރަހެއް ނެތް."

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ މި މެޗުތައް ކުޅެން ބޭނުންނުވާ ސަބަބަކީ އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކެއްގެ ސަބަބުން މި ދުވަސްވަރު ދަނޑުން ބޭރުގައި އާއިލާއާ އެކު ވަގުތުތަކެއް ހޭދަކުރަން ބޭނުންވާތީ އެވެ. ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު ލަސް ވޭގަސްގައި އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގޯމޭސް ވިދާޅުވީ ރޮނާލްޑޯ ޓީމުން ބާކީކުރިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވުރެ މި ވަގުތު މުހިއްމީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކޮށް ރޮނާލްޑޯގެ އަގުވައްޓާލަން ކުރެވޭ މަސައްކަތްތައް ހުއްޓުވުން ކަމަށެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މި މަހު 11 ވަނަ ދުވަހު ޕޯޗުގަލް ބައްދަލުކުރާނީ ޕޮލެންޑާ އެވެ. އޭގެ ތިން ދުވަސް ފަހުން އެކުވެރިކަމުގެ މެޗެއްގައި ސްކޮޓްލެންޑާ ބައްދަލުކުރާނެ އެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޔުވެންޓަސް އިން ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗަށް ރޮނާލްޑޯ ވަނީ ސަސްޕެންޑްވެފަ އެވެ. އެއީ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވެލެންސިއާއާ ދެކޮޅަށް ކުލުނު މެޗުގައި ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ޔުވެންޓަސް އިން ވެސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އެ ކްލަބުން ބުނެފައިވަނީ ތުހުމަތުކުރާ ކަންތައްތައް ހިނގި ކަމަށް ބުނަނީ މީގެ 10 އަހަރު ކުރިން ކަމަށްވާއިރު، މި އޮތް ހުރިހާ ދުވަހު އެ ވާހަކަ ނުދައްކާ އޮވެފައި ކުއްލިއަކަށް އެ ވާހަކަތައް ނަގައިގެން ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.