05 އޮކްޓޯބަރ 2018 - 09:35

މެޑްރިޑް (އޮކްޓޫބަރު 5) - ފަހަކަށް އައިސް ރެއާލް މެޑްރިޑް ކުޅޭ މެޗުތަކުގައި ފެންނަ ކުޅުމުގެ ސަބަބުން އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓީގުގެ އިތުބާރު އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ކުރިމަތީގައި ގެއްލެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލުގެ ރައީސް ކަމަށް 2009 ވަނަ އަހަރު ޕެރޭޒް އިންތިހާބުވި ފަހުން އެ ޓީމަށް ގެނައި ކޯޗުންގެ ތެރެއިން މިހާތަނަށް ފުރަތަމަ މެޗުގައި އެންމެ ދަށް ނަތީޖާތަކެއް ފެނުނީ ލޮޕެޓީގްގެ ފަރާތުންނެވެ. ރެއާލް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ހޯދިފައިނުވާއިރު، އެ ޓީމަށް ލަނޑެއް ވެސް ނުޖެހެ އެވެ.
އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ރެއާލް ބަލިވިއިރު އެ މެޗަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ނުގެންދެ އެވެ. ލޮޕެޓީގް ބުނީ ރާމޮސް ގިނަ މެޗުތަކެއް ކުޅެފައިވާތީ އަރާމްކުރަން ވަގުތު ދިނީ ކަމަށެވެ. އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލޮޕެޓީގްގެ ބައެއް ނިންމުންތަކާ މެދު ކްލަބް ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ.
އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތީ ގޯލްކީޕަރުންގެ މައްސަލައިގަ އެވެ. ރެއާލުން އަންނަނީ އެ ޓީމުގައި ތިބި ދެ ކީޕަރުން ކަމަށްވާ ކޮސްޓަ ރިކާގެ ކޭލޯ ނަވާސް އާއި ބެލްޖިއަމްގެ ތިބައު ކޯޓުއާ އަށް ވެސް ފުރުސަތު ދެމުންނެވެ. ލޮޕެޓީގް ވަނީ އޭނާގެ އެއް ވަނަ ކީޕަރެއް ނުހުންނާނެ ކަމަށް ބުނެފަ އެވެ. އަދި އެއް ވަނަ ކީޕަރެއް ކަނޑައަޅާފައި ނެތުމުން ޓީމުގެ ޑިފެންޑަރުންނަށް މެޗުތަކަށް ތައްޔާރުވުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ކުޅުންތެރިންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މިދިޔަ ތިން އަހަރު ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޒިނެދިން ޒިދާންގެ ކޯޗުކަމުގަ އެވެ. ލޮޕެޓީގް ރެއާލާ ހަވާލުވާން ނިންމީ މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ. ރެއާލާ ހަވާލުވާން ނިންމުމުން ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ލޮޕެޓީގް ވަނީ ސްޕެއިނުގެ ކޯޗުކަމުން ވަކިކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ރައީސް ޕެރޭޒް ވަނީ ނަތީޖާތައް ރަނގަޅުކޮށް ކްލަބްގެ ހާލަތު ބަދަލުކުރަން ލޮޕެޓީގަށް މި މަހުގެ ނިޔަލަށް ވަގުތު ދީފަ އެވެ. އެ ގޮތުން އެންމެ ބޮޑަށް ބަލާނީ މި މަހު 28 ވަނަ ދުވަހު ބާސެލޯނާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗެވެ.
ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ރެއާލް ނުކުންނާނީ ރަށުން ބޭރުގައި އަލަވޭސްއާ ދެކޮޅަށެވެ.