ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި
ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް، ސައުދީ އަރަބިއްޔާ އަށް މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.

ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި
ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެންމެ ހަގު ފިރިހެން ދަރިކަލުންނާ އެކު އެކަމަނާ ފުރާވަޑައިގަތީ ސައުދީ އެއާލައިންގަ އެވެ. ފަސްޓް ލޭޑީ ވަޑައިގަތީ އުމްރާ އަކަށް ކަމަށް ވާހަކަ ދެކެވުނަސް ރަސްމީ އެއްވެސް ފަރާތަކުން މި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.

ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި
ފަސްޓް ލޭޑީ ފާތުން ސައުދީ އަށް ފުރާވަޑައިގެންފި

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމީނާއި އަނބިކަނބަލުންގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރަސްމީކޮށް ހާމަކުރަން ޖެހޭ މައުލޫމާތު އެ އޮފީހުން އިސްވެ ހާމަކުރާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެކަމަނާ "ފިއްލެވީ" ކަމަށް ފަތުރާ ވާހަކަތައް މުއާޒް ދޮގުކުރެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން، ރައީސް ޔާމީން އަދި ފަސްޓް ލޭޑީ ވެސް މި ގައުމު ދޫކުރައްވައި ނުފިއްލަވާނެ ކަން،" މުއާޒް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފާތުން އެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން އެކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އިންތިޚާބަށް ފަހު ޕީޕީއެމްގެ ރައީސަކަށް، ރައީސް ޔާމީން އައްޔަންކުރި ކޮންގްރެސްއަކުން ވެސް އެކަމަނާއެއް ނުފެނެ އެވެ. އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތާ އެކު ހައްގު ހޯދަން ކަމަށް ބުނެ ޕީޕީއެމުން މިހާރު ހިންގާ ހަރަކާތްތަކުގައި ވެސް ފަސްޓް ލޭޑީ ފާތުންގެ ބައިވެރިވުމެއް ނުފެނެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ގިނަ ރަށްތަކަށް ފާތުން ވަޑައިގަތެވެ. އަދި މާލެ އާއި ރަށްރަށުގެ ވެސް ބައެއް ގެތަކަށް އަމިއްލަފުޅަށް ވަޑައިގެން ވެސް ވޯޓު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވި އެވެ.

ރައީސް ޔާމީނަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ އެކި މަސައްކަތްތަކުގައި ފަސްޓް ލޭޑީގެ ދައުރު ބޮޑެވެ. ޚާއްސަކޮށް، އެކަމަނާ ބެލެހެއްޓެވި އިޖުތިމާއީ ދާއިރާގެ ޚިދުމަތްތައް ސަރުކާރުގެ އެކި އޮފީސްތައް މެދުވެރިކޮށް ފުއްދައިދެއްވަން އެކަމަނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭގެތެރޭގައި އެކި އިދާރާތައް މެދުވެރިކޮށް، މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.