04 އޮކްޓޯބަރ 2018 - 17:49

ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން އިއްޔެ ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން އިއްޔެ ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ޖިނާއީ ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން އޭނާ މަގާމުން ވަކި ކޮށްފައިވާތީ އެވެ.
ސުޕްރީމް ކޯޓުން ކުރި އިއުލާނުގައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ކަމާބެހޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއި ދައުލަތުގެ އިދާރާއެއް ނުވަތަ ކުންފުންޏެެއް ނުވަތަ ބޭރުގެ ޖަމާއަތެއްގެ ސީނިއާ މެނޭޖްމަންޓްގައި ތަޖްރިބާ ލިބިފައި ވުމެވެ.
ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އައްޔަން ކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000ރ. ލިބޭނެ އެވެ. އެ މަގާމަކީ ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ މަގާމެކެވެ. އެކަމަކު އެ މުއްދަތު ފަސް އަހަރުން ފަސް އަހަރުން އިތުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ އެވެ.