ދިރިއުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ: އެޗްއާރުސީއެމް
ދިރިއުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ: އެޗްއާރުސީއެމް

އިންސާނުން ދިރިއުޅެން އެކަށީގެން ނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ދިރިއުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ: އެޗްއާރުސީއެމް
ދިރިއުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ: އެޗްއާރުސީއެމް

ބިދޭސީންނަށް ލިބިފައިވާ ގާނޫނީ ހައްގުތައް އަންގައިދޭން، ތިން ބަހަކުން ޗާޕްކޮށްފައިވާ ކާޑުތަކެއް ނެރެން އެ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދޭތެރޭގައި ވަރަށް ދެރަ، ނިކަމެތިކޮށް ކަންތައް ކުރަމުންދާ ކަމަށެވެ. މާލޭގައި އެ މީހުން ދިރިއުޅެން ދައްކާ ތަންތަނަށް ބަލާއިރު ވެސް، ބައެއް ތަންތަން އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ކަމަށް ވިދާޅުވި އެވެ.

"ދަންނަވާލަން ބޭނުންވަނީ އެ މީހުންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުން، އެހެން ނުހަދާށޭ. އެއީ ވެސް އިންސާނުން ކަން ގަބޫލު ކުރާށޭ'" ޒާހިދު ވިދާޅުވި އެވެ.

ބިދޭސީންގެ ހައްގުތަށް ހިމާޔަތްކުރަން އެ ކޮމިޝަނުން ވެސް މިހާރަށް ވުރެ ގިނަ މަސައްކަތްކެއް ކުރަން ޖެހުނު ނަމަވެސް، ލިބިފައިވާ ވަސީލަތްތަކުގެ ސަބަބުން އެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދޯންޏަކަށް ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ދަތުރުކުރާ މަންޒަރު ވައިރަލްވެފައިވާތީ، އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ޒާހިދު ވިދާޅުވީ އެއީ، މަދުން ނަމަވެސް ދިވެހިން ބިދޭސީންނާއި މެދު ދެކޭ ގޮތް ކަމަށެވެ. އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެޗްއާރުސީއެމުން މަލަޔާލަމް، ބެންގާލީ އަދި ނޭޕާލީ ބަހުން އާއްމުކުރި ކާޑުތަކުގައި ހިމަނާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ބިދޭސީންގެ ޕާސްޕޯޓާއި އެހެނިހެން އަމިއްލަ ލިޔެކިޔުންތައް ވަޒީފާ ދޭ ފަރާތަކަށް އަތުނުލެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަޒީފާ އެއްބަސްވުމުގެ ކޮޕީއެއް ވެސް ބިދޭސީ މަސައްކަތްތެރިޔާއަށް ދޭން ޖެހޭނެކަމަށް އެ ކާޑުތަކުގައިވެ އެވެ.

މީގެ އިތުރުން ދިވެހިންނެކޭ އެއްގޮތަށް، ބިދޭސީންނަށް ވެސް ޗުއްޓީ އާއި ހަފްތާ ބަންދު ލިބެންވާނެ ކަމަށާއި ހައްގަކަށް އަރައިގަނެފި ނަމަ ގުޅޭނެ ނަންބަރުތައް ވެސް އެ ކާޑުގައި ވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެޗްއާރްސީއެމްގެ ޑައިރެކްޓަރު އޮފް އެޑްވޮކަސީ އައިިޝަތު ޝިފާނާ ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ގަވާއިދުން މުސާރަ ނުދިނުމާއި ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށް ނޯޓިސްނުދީ ވަޒީފާއިން ވަކިކުރުމާއި ފުރައްސާރަކުރުން ހިމެނޭ ކަމަށެވެ. އަދި މަސައްކަތްކުރާ މާހައުލުގައި ދިވެހިންނާއި ބިދޭސީންނާ ދޭތެރޭ ތަފާތުކޮށް އަމަލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކާޑުތައް ބިދޭސީންނަށް ހަވާލުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި އެމްބަސީތަކާއި އެއާޕޯޓުން ވެސް އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޗްއާރްސީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގައި ވެސް އެ ކާޑުތައް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.