ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކްރިސްޓިއަން ބޭލްއަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ބައޮގްރަފިކަލް ޑްރާމާތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނާ ފާހަގަކޮށްލެވެނީ ޝަހުސިއްޔަތެއްގެ ރޯލް ކުޅެން ހަވާލުކޮށްފި ނަމަ، އެ ރޯލަކަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެ، އިންސާފުކޮށްދޭ އެކްޓަރެއްގެ ގޮތުގަ އެވެ.

އޮސްކާ ވެސް ހާސިލުކޮށްފައިވާ 44 އަހަރުގެ ބޭލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވެސް ވަރަށް ހާއްސަ ފިލްމެއް އެބަ އޮތެވެ. މިއީ ވެސް ހަމަ ބައޮގްރަފިކަލް ޑްރާމާއެކެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ރޯލުން ބޭލް ފެނިގެންދާ ފިލްމު "ވައިސް" ގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާ އިރު، އެއަށް ގިނަ ބަޔަކު ވަނީ ތައުރީފު ވެސް އޮއްސާލައިފަ އެވެ. ވަކިން ހާއްސަކޮށް ޗޭނީގެ ރޯލުން ބޭލް ފެނިިގެންދާ ގޮތް ވަރަށް ފުރިހަމަ ކަމަށް، ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ.

ޖޯޖް ޑަބްލިއު ބުޝްގެ ދައުރުގައި އެމެރިކާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ޗޭނީއަކީ ވަަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބޭފުޅެކެވެ. "ވައިސް" ގައި ކިޔައިދޭނީ ވެސް އޭނާގެ އަނދިރި ފަރާތުގެ ވާހަކަ އެވެ.

އަންނަ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އެޑަމް މެކޭ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ ވެސް ބޭލް މުހިއްމު ރޯލެއް ކުޅުނު 2015 ގެ ބައޮގަރަފިކަލް ކޮމެޑީ ޑްރާމާ "ދަ ބިގް ޝޯޓް" އެވެ.

"ވައިސް" ގެ ކާސްޓުންނަށް ބަލާ އިރު، ފިލްމުގައި ޗޭނީގެ އަންހެނުން ލީން ޗޭނީގެ ރޯލު ކުޅެނީ އެމީ އެޑަމްސް އެވެ. ސްޓީވް ކެރެލް ފެނިގެން ދާނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ޑޮނަލްޑް ރަމްސްފެލްޑްގެ ރޯލުންނެވެ. ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ރޯލުން ސޭމް ރޮކްވެލް އެވެ.

"އެކްސް މެން" އާއި "އަޔަން މޭން" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޗައިނާގެ މަޝްހޫރު ބަތަލާ ފޭން ބިންގްބިންގް ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި ބޮޑު ޖޫރިމަނާއެއްކޮށްފި އެވެ. އޭނާ ޓެކްސް ނުދައްކައި، ޓެކްސް އަށް މަކަރު ހަދާ މައްސަލަ މި އަހަރުގެ މެދުތެރޭގައި ފެންމަތިވެފައި ވަނިކޮށް ޖޫން މަހުން ފެށިގެން ބިންގްބިންގް ވަނީ "ގެއްލިފަ" އެވެ.

ޗައިނާގެ ސްޓޭޓް އޮތޯރިޓީ އޮފް ޓެކްސޭޝަނުން 37 އަހަރުގެ ބަތަލާ ޖޫރިމަނާ ކުރީ 129 މިލިއަން ޑޮލަރު (883 ޔުއާން) އިންނެވެ. އޭނާގެ މައްޗަށް ކުރި ޖޫރިމަނާ ނުދައްކައިފި ނަމަ، އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް އައިސް ގާނޫނީ ގޮޅިއަކަށް ފެތުމުގެ ބިރު ވެސް އެބަ އޮތެވެ. ބިންގްބިންގްއަކީ ހޮލީވުޑްގައި މަސައްކަތް ކުރާ ޗައިނާގެ ބަތަލާއިންގެ ތެރެއި އެންމެ މަގުބޫލު އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.

ކުރީގެ ގިނަ އެނިމޭޓެޑް ފިލްމްތަކެއް ހަގީގީ އެކްޓަރުންނާ އެކު ހެދުމުގެ މަސައްކަތް ޑިޒްނީން ވަރަށް ފޯރީގައި ކުރަމުން އަންނަ އިރު، އަނެއްކާ ވެސް ލިސްޓަށް ފިލްމެއް އިތުރުވެއްޖެ އެވެ. މި ފަހަރުގެ ފިލްމަކީ 2002 ގައި ގެނެސް ދިން "ލޯލީ އެންޑް ސްޓިޗް" އެވެ މިއީ އަންހެން ކުއްޖަކާއި އޭލިއަނެއްގެ ގުޅުން ދައްކުވައިދޭ އެއްޗެކެވެ.

މި ފިލްމުގެ ލައިވް-އެކްޝަން ފިލްމެއް ގެނެސް ދިނުމުގެ މަސައްކަތް ފަށާފައިވާ އިރު، ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ މައިކް ވޭން ވައެސްއާ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

ހަމައެއާ "ލީލީ އެންޑް ސްޓިޗް" ބެލުންތެރިންނަށް ގެނެސް ދޭނީ ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނުގައިތޯ ނުވަތަ އަންނަ އަހަރު ޑިޒްނީން ފަށައި ގަންނަ ސްޓްރީމިން ސާވިސްގެ ތެރެއިން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެނިމޭޓުން ލައިވް އެކްޝަން ފިލްމުތަކަށް ޑިޒްނީން ބަދަލު ކުރަން ފަށާފައިވާ މަޝްރޫއުގެ ތެރޭގައި މިހާރު ހިމެނޭ ފިލްމުތަކުގެ ތެރޭގައި "އަލައްދިން"، ޑަމްބޯ"، "ލަޔަން ކިންގް"، "ޕިނޯކިއޯ"، "ލޭޑީ އެންޑް ޓްރޭމްޕް"، "މުލާން" އަދި "ދަ ސްވޯޑް އިން ދަ ސްޓޯމް" ހިމެނެ އެވެ