04 އޮކްޓޯބަރ 2018 - 15:22

ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދަން އެފްއޭއެމުން ނިންމައިފި އެވެ.
މީގެ ކުރިން އެފްއޭއެމުން ވަނީ އަންނަ އަހަރު ފެށިގެން ވެސް ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތް ހަދަން ވާހަކަ ދައްކައިފަ އެވެ. އެކަމަކު އޭރު ގޮންޖެހުންތައް ހުރުމުން އެކަން އޮތީ ނުކުރެވި އެވެ. އެކަމަކު އެއް އަހަރު ކުރިއަށް ދުރާލާ ޓީމުތަކަށް އެކަން އެންގުމުން އެކަން ކުރަން ފަސޭހަވާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ.
އެފްއޭއެމުން ހަމަޖައްސާފައިވަނީ އަންނަ އަހަރު ކޮންމެ ޓީމަކުން ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު 23 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނަން ލާޒިމްކޮށްފަ އެވެ. އޭގެ ތެރޭގައި ޒުވާން ކީޕަރެއް ހިމެނޭ ގޮތަށެވެ.
އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދިވެހި ކީޕަރުން ކުރިއެރުވުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަަށެވެ.
"ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމަށް ދިވެހި ކީޕަރުން އުފެއްދުމަށްޓަކައި އިރާދަކުރެއްވިއްޔާ ގިނަ މަސައްކަތްތަކެއް މި އަންނަ އަހަރު ތެރޭގައި ފެށިގެންދާނެ. އޭގެ ތެރޭގައި ކީޕަރުންގެ އެކަޑަމީއެއް ފެށުމަށްޓަކައި މިހާރު ހުރިހާ މަސައްކަތެއް ކުރިއަށްމިދަނީ. އެއީ އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ކީޕަރުން ކުރިއަރުވަން،" ބައްސާމް ވިދާޅުވި އެވެ.
ގޯލްކީޕަރު އެކެޑަމީގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅޭނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ. އެފްއޭއެމުން ހަމަޖައްސާފައިވަނީ ޓީމުތަކުގައި އަންނަ އަހަރުން ފެށިގެން ކޯސް ހަދައިގެން ތިބި ގޯލްކީޕަރު ޓްރެއިނަރުން ބެހެއްޓުމަށެވެ.
"ގޯލްކީޕަރު ޓްރެއިނިން އަށް ތިބެން ޖެހޭނީ ކޯސް ހަަދައިގެން ލައިސަންސް ލިބިފައި ހުރި ކޯޗެއް. ނުވަތަ އެފްއޭއެމުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަހެއް ތިން މަހެއް ތެރޭގައި ގޯލްކީޕަރު ގޯސްތަކެއް ބާއްވާނަން. އޭގައި ބައިވެރިވެފައި ތިބި ގޯލްކީޕަރު ޓްރެއިނަރުންނަށް ކްލަބެއްގައި ރަޖިސްޓްރީ ކުރެވޭނީ،" ބައްސާމް ވިދާޅުވި އެވެ.
ދިވެހި ކީޕަރުންނާ މެދު ގިނަ ބަޔެއްގެ އުއްމީދުތައް އާ ވެގެންދިޔައީ މި ފަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ގައުމީ ޓީމުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލް ދެއްކި މޮޅު ކުޅުމުންނެވެ.
"މި ފަހަރުގެ ތަޖުރިބާ ހުރިހާ އެންމެނަށް ވެސް އެނގޭނެ ކަންނޭނގެ. ފައިސަލް އަށް ފުރުސަތު ލިބުނު ވަރަކަށް މި ފެނިގެންދިޔައީ ވަރަށް ތަފާތު ގޯލްކީޕަރެއްގެ ގޮތުގައި. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ އަޅުގަނޑުމެން ތަށި ކާމިޔާބުކުރިއިރު އެންމެ ބޮޑު ހިއްސާއެއް އަދާކުރި ފަރާތަކީ ފައިސަލް. ހަމައެއާ އެކީ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ ފައިސަލް،" ބައްސާމް ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް ބަލާއިރު ހުނަރުވެރި ގިނަ ކީޕަރުން ތިބޭނެ ކަމަށާއި އެ ކީޕަރުން ހޯދައި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.
"ދިވެހި ހުނަރުވެރި ކީޕަރުން އެބަތިބި. އެ ކީޕަރުންނަށް ފުރުސަތު އަޅުގަނޑުމެން ތަނަވަސްކޮށްދޭން ޖެހޭ. އަތޮޅުުތެރޭގައި ވެސް ބައިވަރެއް ހުނަރުވެރި ކީޕަރުން އެބަތިބި. އެބަ ވިސްނަން އެ ކީޕަރުން މާލެ ގެނެސް މި ކޮޅުގައި ބޭތިއްބޭ ގޮތަށް ތައްޔާރުވާން،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކްލަބްތަކުން ދިވެހި ކީޕަރުން ފެންނަ އަދަދު އަންނަނީ މަދުވަމުންނެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން ހަތަރު ޓީމުގައި ތިބީ ބިދޭސީ ކީޕަރުންނެވެ. ދިވެހި ކީޕަރުންނަށް ފުރުސަތު ނުލިބޭ ކަމަށް ބުނެ މީގެ ކުރިން އެ ކީޕަރުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދިވެހި ކީޕަރުން ނުގެންނަ ސަބަބެއްގެ ގޮތުގައި އެކި ޓީމުތަކުން އެކި ސަބަބުތައް ދައްކަ އެވެ.