05 އޮކްޓޯބަރ 2018 - 06:49

ނާނާ ޕަޓޭކަރްގެ ފަރާތުން ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލާގައި ރަވީނާ ކުރި ޓްވީޓަކާ ގުޅިގެން، ބައެއް މީހުންގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެއްޖެ އެވެ.
ރަވީނާ ކުރި ޓްވީޓެއްގައި ބުނީ ބަތަލާއިންނަށް ފިލްމީ ދާއިރާގެ އެކްޓަރުންގެ ފަރާތުން ގޯނާތަކާ ކުރިމަތިލާން ޖެހި ބަތަލާއިންގެ ފިލްމީ ކެރިއަރު ހަލާކުވެގެންދާ އިރު ވެސް، އެފަދަ އެކްޓަރުންގެ އަނބިންނާއި ލޯބިވެރިން ހިމޭނުން ތިބުމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި ބަތަލާއިންނަށް ބަތަލުންގެ ފަރާތުން ކުރިމަތިލާން ޖެހޭ އެކި ކަހަލަ ފުރައްސާރަތަކާ ހެދި މާޒީގައި ވެސް ވަރަށް ގިނަ ބަތަލާއިންގެ ކެރިއަރު ވަނީ ހަލާކުވެގެން ގޮސްފަ އެވެ. އަދި ބަތަލުން ކިތަންމެ ހަޑި މުޑުދާރު ކަމެއް ކުރިޔަސް، ބޮޑު ކަމަކަށްވެގެން އެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށާއި ބަތަލާއެއްގެ ފަރާތުން ނޭދެވޭ ކަމެއް ފެނިއްޖެ ނަމަ، ހަވަރު އެއްކުރާނެ ކަމަށް ރަވީނާ ބުންޏެވެ.
ރަވީނާގެ ޓްވީޓާއި ބަތަލާއިންނާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ގިނަ ބަޔަކު ނެގީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ކަންނާ އަށް އިޝާރާތްކޮށް ދެއްކި ވާހަކަތަކެއްގެ ގޮތުގަ އެވެ.
ބައެއް މީހުން ވަނީ "ތި ދައްކަނީ އަކްޝޭ އާއި ޓްވިންކަލްގެ ވާހަކަ ދޯއޭ" އަހައިފަ އެވެ. އަދި ރަވީނާގެ ޓްވީޓަކީ ސީދާ ޓްވިންކަލް އަށް ފޮނުވި ހަމަލާއާއެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ނާނާ ޕަޓޭކަރްއާ ބެހޭ ގޮތުން ތަނުޝްރީ ވާހަކަ ދެއްކި އިރު، އަކްޝޭ އަންނަނީ އޭނާއާ އެކު ސާޖިދު ހާންގެ "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުންކަމެވެ. އެހެންވެ ތަނުޝްރީ ކުރިން ވަނީ އަކްޝޭ އާއި ރަޖްނީކާންތު ފަދަ ބެލުންތެރިންގެ ލޯބި ހޯދާފައިވާ އޭ ލިސްޓް އެކްޓަރުން ނާނާ ޕަޓޭކަރް ކަހަލަ ވިޔާނުދާ މީހުންނާ އެކު މަސައްކަތް ކުރުން ހުއްޓައިލަންޖެހޭ ކަމަށް ބުނެފަ އެވެ.
ނަމަވެސް ތަނުޝްރީ އަށް ތާއީދު ކުރުމުގެ ގޮތުން ޓްވިންކަލް ކުރި ޓްވީޓަކަށް ރައްދު ދެމުން ތަނުޝްރީ ވަނީ "ޓްވިންކަލްގެ ފިރިމީހާ ނާނާއާ އެކުގައި މަސައްކަތް ކުރަމުންދާކަން" ހަނދާންކޮށް ދީފަ އެވެ.
ރަވީނާ ކުރި ޓްވީޓާއި އަކްޝޭގެ ދެމަފިރިންނާ ގުޅުވާފައިވާތީ ރަވީނާ ފަހުން ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ޓްވީޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ނޫން ކަމަށާއި އެއީ ޖުމްލަކޮށް ފިލްމީ ދާއިރާގައި ކަންކަން ހިނގާ ގޮތް ކަމަަށެވެ.
"އެއީ އެއްވެސް މީހަކާ ބެހޭ ގޮތުން ޒާތީ ގޮތުން ދެއްކި ވާހަކަތަކެއް ނޫން. ކަންކަމުގެ ހަގީގަތް ނުބަލައި، ކަންކަމާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ވެސް ނޫން،" ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަންޑާނީއާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ލިބިފައިވާ ރަވީނާ ބުންޏެވެ.