04 އޮކްޓޯބަރ 2018 - 14:43

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް އޮތީ ކްލަބްތައް ހިންގުން ހަރުދަނާކޮށްގެން ކަމަށާއި އެ މަސައްކަތް އެފްއޭއެމުން މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް އޮތްތާގައި ކުރާނެ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސާފް ސުޒުކީ ކަޕަށް ލީގު 70 ދުވަހަށް މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު، ގިނަ ޓީމުތަކަށް ވަނީ އެކި މައްސަލަތައް ދިމާވެފަ އެވެ. އަދި މިހާރު އޮތް ހާލަތުން ޓީމުތަކަށް މި އަހަރުގެ ބާކީ ބައިގައި ހިފަހައްޓާލަން ވެސް ވަނީ އުނދަގޫވެފަ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ޓީމުތަކަށް ހަރަދުކުރާ އެއްބަސްވުމުގެ ދަށުން ކޮށްދޭން ޖެހޭ ކަންތައްތައް ފުރިހަމަ ނުވެގެން މައްސަލައެއް ހުށަހަޅާފައިވަނީ އެންމެ ޓީމަކުން ކަމަށާ އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަޔަށް ސީދާ އެއްވެސް ކްލަބަކުން ނެތް ސަރުކާރު ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ މައްސަލައެއް ހުށަހަޅާފައެއް. ހަމައެކަނި އެންމެ ޓީމަކުން އައީ. ތިމަރަފުށިން އައިސްފައި އޮތީ އެއީ މިފްކޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ކަންތައްތައް ކުރިއަށްނުދާތީ. ދެން އެކަމަކަށް އަޅުގަނޑުމެން ހައްލުތަކެއް އެބަ ހޯދައިދޭން. އެފްއޭއެމްގެ ފަރާތުން ވެސް އެހީތަކެއް އެބަދެން،" ބައްސާމް ވިދާޅުވި އެވެ.
"ކްލަބްތައް ހިންގުން މިހާރަށް ވުރެ އެބަ ހަރުދަނާ ވާންޖެހޭ. އެފްއޭއެމުން ވަރަށް ބޮޑަށް ކްލަބްތަކާ މަޝްވަރާ ކޮށްގެން ކްލަބްތައް ހަރުދަނާކުރަން މަސައްކަތްތަކެއް ކުރަމުންދާނަން."
ލީގުގައި ރޭ ކުޅެން ހަަމަޖެހިފައި އޮތް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ މެޗަށް ވިކްޓަރީ ހާޒިރެއްނުވެ އެވެ. މުސާރައިގެ މައްސަލަ ދިމާވިޔަސް ކުޅުންތެރިން ތިބީ ކުޅޭށެވެ. އެކަމަކު މެޗު ނުކުޅެން ނިންމީ ވިކްޓަރީ ހިންގަން ތިބި އެކްޓިވް ބޯޑު މެމްބަރުންނެވެ.
މިދިޔަ މާޗް މަހު ބޭއްވި ވިކްޓަރީގެ އިންތިހާބުގައި ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބު ކުރި އެވެ. ކްލަބް ހަމަމަގަށް އެޅުވުމުގެ ވައުދުތަކެއްވީ ނަމަވެސް މިހާތަަނަށް ޓީމު ތެރޭގައި ޖެހިފައިވާ ގިނަ މައްސަލަތަކަށް އޮތީ ހައްލެއް ނުލިބި އެވެ.
ބައްސާމް ވިދާޅުވީ ވިކްޓަރީގައި ދިމާވި ކަންތައްތަކާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި އެ މައްސަަލަ މިހާރު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. އަދި ފެނުނު މަންޒަރުތަކަށް ބަލާއިރު ފެނުނީ ފުޓްބޯޅަ އަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.
"މި މައްސަލަވާނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅާފައި. އަޅުގަނޑު ބޭނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން. އޭގެ ޑިސިޕްލިނަރީ ކޮމިޓީން ގޮތެއް ނިންމާނީ. މިއީ ޓޮލަރޭޓް ކުރެވޭނެ ކަމެއް ނޫން. ކްލަބްތައް ހިންގަން ތިބޭ ބައެއްގެ އަމިއްލަ އެޖެންޑާއެއް އޮތް ކަމަށް މި ފެނުނީ. އެ މީހުންނަށް މެނޭޖް ނުކުރެވިގެން މި ހިސާބަށް ދާން ޖެހުނީ. އެއީ ފުޓްބޯޅަ ތެރޭގައި ވާން ޖެހޭނެ ކަމެއް ނޫން. މިއީ ހަމަ ހަގީގަތުގައި ފުޓްބޯޅަ އަށް ވަރަށް ދެރަވަރު ދުވަހެއް،" ބައްސާމް ވިދާޅުވި އެވެ.
ވިކްޓަރީ އަށް މިހާލަތު ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ މާލީ ހާލަތު ދަށްވުން ނޫން ކަމަށާއި މިއީ ޓީމު ރަނގަޅު ގޮތުގައި ނުހިންގި އޮތުމުން ނިކުމެފައިވާ ނަތީޖާއެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ރާއްޖޭގައި ވަރަށް ކުލަގަދަ ތާރީހެއް އޮތް ކްލަބެއް މެޗަކަށް ހާޒިރުނުވެގެން މިދިޔައީ އަޅުގަނޑު ދަންނަވާނީ މިއީ ހިންގަން ތިބި ބަޔެއްގެ ދޯދިޔާކަމޭ. އެއީ އެ ކްލަބާ އެއްކޮށް ސަރުކާރުން އެގްރިމެންޓް ހެދި ކުންފުނިން އޮތީ ހުރިހާ ފައިސާއެއް ދީފައި އެ ގޮތަށް މައުލޫމާތު ލިބެނީ. މި އުޅެނީ ލިބެންވާ ފައިސާއެއް ނުލިބިގެނެއް ނޫން. ބޭނުންވަނީ ކްލަބް ދެކެ ލޯބިވާ ފަރާތްތަކެއް އެބަޖެހޭ ކްލަބްތައް ހިންގުމާ ހަވާލުވާން. ކްލަބެއް ބޭނުންކޮށްގެން އެހެން ފައިދާތަކެއް ނެގުމުގެ މަގްސަދު ދޫކޮށްލަން އެބަޖެހޭ. އެކަން ދޫކޮށްލާފައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކްލަބްތައް ހިންގުމުގައި ހުރި ގޯސް ކަންތައްތައް ބަދަލުކުރަން ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި ކުރިއަށް އޮތްތާގައި އެފްއޭއެމްގެ ކްލަބް ލައިސަންސިން ސިސްޓަމް ޑިޕާޓްމަންޓުން ކްލަބްތައް ހަރުދަނާ ކުރަން އިތުރު މަސައްކަތްތަކެއް ވެސް ކުރާނެ އެވެ.
"މީގެ ފަހުން ކްލަބެއްގެ އިންތިހާބު ވެސް ބޭއްވޭނީ އެފްއޭއެމްގެ ބައިވެރިވުން އޮވެގެން. ކްލަބްތައް ބޭނުން ގޮތަކަށް ދިޔައީމަ ކަންނޭނގެ މިހާލަތަށް ގޮސްގެން މިއުޅެނީ،" ބައްސާމް ވިދާޅުވި އެވެ.
އެންމެ ބޮޑު ޒިންމާއެއް އޮތް އެއް ފަރާތަކީ ކްލަބްތައް ކަމަށާއި ފުޓްބޯޅައިގެ ކުރިއެރުމަށް ކްލަބްތަކުންނާއި ކުޅުންތެރިން އެންމެ ރަނގަޅަށް މަސައްކަތް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވޮ އެވެ.
"އެފްއޭއެމް އަށް ވުރެން ބޮޑަށް ހަގީގަތުގައި ފުޓްބޯޅަ ކުރިއެރުވުމުގެ ބާރު އޮންނަނީ ކްލަބްތަކުގެ އަތުގައި. އެއީ ކުޅުންތެރިން ގިނައިން މި އޮންނަނީ ކްލަބްތައް އަތުގައި ކަމަށްވާތީ، ކްލަބްތައް އެބަޖެހޭ ހަރުދަނާވާން. ހެދިފައި އޮންނަ އެއްބަސްވުންތަކާ އެއްގޮތަށް ކަންތައްތައް ކުރަން. ކުޅުންތެރިންގެ ފަރާތުން ކްލަބަށް ވެސް އެބަޖެހޭ އެ ސަޕޯޓްދޭން،" އޭނާ ވިދާޅުވި އެވެ.
ފުޓްބޯޅަ ކުރިއެރުވުމުގެ ޒިންމާ އަކީ މި ކަމުގެ ތެރޭގައި ޝާމިލުވެ އުޅޭ ހުރިހާ ބައެއް ވެސް ވިސްނައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ހަމައެކަނި އެއް ބަޔެއް ހުރިހާ ކަމެއް ކުރާނެ ކަމަށް އޮންނަ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"މިއީކީ ހަމައެކަނި އެފްއޭއެމް ނެރޭ ޕޮލިސީއެއް ނުވަތަ ހިންގަން ތިބި ބައެއްގެ ވިސްނުމަށް އެކަނި ބަރޯސާވާންޖެހޭ ކަމެއް ނޫން. މިއީ ފުޓްބޯޅައިގެ ހުރިހާ ސްޓޭކްހޯލްޑާސްގެ އެއްބާރުލުން ލިބިގެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ވާނެ ވަރު ކަންތައްތަކެއް ނޫން ކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުން ފެށިގެން ކުޅުންތެރިންނާއި ކްލަބް ހަދާ ކޮންޓްރެކްޓް އެފްއޭއެމުގައި ރަޖިސްޓްރީ ކުރުމާއި ކުޅުންތެރިންނާއި ކްލަބްތަކުގެ ކަންތައް ވީހާވެސް ގާތުން މޮނިޓަ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. އަދި އެފްއޭއެމުން ކަނޑައަޅާ އުސޫލުތަކާ ހިލާފުވެގެން އެއްވެސް ކަމެއްގައި ކުރިއަށްދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.