04 އޮކްޓޯބަރ 2018 - 13:03

އަންކަރާ (އޮކްޓޯބަރު 4) - އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލުނު ކަމަށް ބުނާ ސައުދީ ރިޕޯޓަރު ޖަމާލް ޚަޝޯގީގެ މައްސަލާގައި ސައުދީ އާއި ތުރުކީން ދައްކާ ވާހަކަ ދިމަލެއް ނުވެ އެވެ.
އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅޭ ޚަޝޯގީ އިސްތަންބޫލް ކޮންސިއުލޭޓަށް ދިޔައީ ރަސްމީ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށެވެ. ސައުދީ ރަސްމީ އެޖެންސީން ބުނީ ޚަޝޯގީ، 59، ކޮންސިއުލެޓަށް ދިޔަ ބޭނުން ނިންމުމަށް ފަހު އެނބުރި ދިޔަ ކަމަށެވެ. އަދި އޭނާ ގެއްލުނު ކަމަށް ބުނެފައި ވަނީ އޭގެ ފަހުން ކަމަށް ނޫސް އެޖެންސީން ބުނެފައިވެ އެވެ.
ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ތަރުޖަމާން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ޚަޝޯގީ ހުރީ ކޮންސިއުލޭޓުގައި ކަމަށެވެ.
ޚަޝޯގީގެ ލޯބިވެރިޔާ ބުނީ ކޮންސިއުލޭޓަށް ދިޔައީ އަންނަ ހަފުތާގައި ކައިވެނި ކުރަން ހަމަޖެހިފައިވާތީ ބައެއް ލިޔެކިޔުންތައް ފުރިހަމަ ކުރަން ކަމަށެވެ. އަދި ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ދިނީ ޚަޝޯގީ އަށް އެކަނި ކަމަށާއި އޭނާ ވެއްދީ މޯބައިލް ފޯނު އަތުލުމަށް ފަހު ކަމަށް ބުންޏެވެ.
"ކޮންސިއުލޭޓް ބަންދުކުރި އިރު ވެސް ޚަޝޯގީގެ ޚަބަރެއް ނުވޭ. އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ވެސް އުފުލައިފައެއް ނުވޭ. ޚަޝޯގީގެ ހަމައެކަނި މައްސަލަ އަކީ އޭނާ ލިޔާ އެއްޗިއްސާ މެދު ސައުދީން ހިތްހަމަނުޖެހުން،" އެސޯސިއޭޓް ޕްރެސް އަށް ލޯބިވެރިޔާ ބުންޏެވެ.
ޚަޝޯގީ އަކީ ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެކެވެ. އޭނާ ދަނީ ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.