އޮސްޓްރޭލިއާގެ އެވޯޑެއްގައި އޭޝިއާގެ މޮޅު ފިލްމުތަކަށް ބޮލީވުޑްގެ ތިން ފިލްމެއް ނޮމިނޭޓްވެއްޖެ
އޮސްޓްރޭލިއާގެ އެވޯޑެއްގައި އޭޝިއާގެ މޮޅު ފިލްމުތަކަށް ބޮލީވުޑްގެ ތިން ފިލްމެއް ނޮމިނޭޓްވެއްޖެ

މި އަހަރު ބާއްވާ އޮސްޓްރޭލިއަން އެކެޑެމީ އޮފް ސިނެމާ އެންޑް ޓެލެވިޝަން އާޓްސް އެވޯޑް (އޭއޭސީޓީއޭ) ގެ އެންމެ މޮޅު އޭޝިއާގެ ފިލްމުތަކަށް ބޮލީވުޑްގެ ތިން ފިލްމެއް ނޮމިނޭޓްވެއްޖެ އެވެ.

އޭއޭސީޓީއޭ އިން ބުނި ގޮތުގައި ބެސްޓް އޭޝިއަން ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވެފައިވާ ފިލްމުތަކަކީ "ސަންޖޫ" އާއި ނިއުޓަން" ގެ އިތުރުން "ގަލީ ގުލެޔާން" އެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށް، ރަންބީރު ކަޕޫރް ޓައިޓްލް ރޯލް ކުޅުނު "ސަންޖޫ" އަކީ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އަދި މިއީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ހިންދީ ފިލްމެވެ.

ރާޖްކުމާރް ރާއޯ ލީޑް ރޯލް ކުޅުނު "ނިއުޓަން" އަކީ މި އަހަރު ބޭއްވި 90 ވަނަ އޮސްކާގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް އިންޑިއާ އިން ހުށަހެޅި ފިލްމެވެ. އަމިތު ވީ މަސޫކަރް ޑައިރެކްޓްކޮށް، މިދިޔަ އަހަރު ނެރުނު މި ފިލްމަކީ އިންޑިިއާގެ އިންތިހާބުތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ކޮމެޑީ ޑްރާމާއެކެވެ.

މަނޯޖް ބަޖްޕާއީ ލީޑް ރޯލް ކުޅުނު "ގަލީ ގުލެޔާން" އަކީ ދިޕޭޝް ޖެއިން ޑައިރެކްޓްކޮށްފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި ތިން ފިލްމާ އެކު އޭއޭސީޓީއޭގެ އޭޝިއާގެ އެންމެ މޮޅު ފިލްމުތަކަށް ދެން ވާދަކުރަނީ ދެކުނު ކޮރެއާގެ "1987 ވެން ދަ ޑޭ ކަމްސް" އާއި ޓައިވާންގެ "ދަ ބޯލްޑް، ދަ ކޮރަޕްޓް އެންޑް ދަ ބިއުޓިފުލް" އާއި ޖަޕާންގެ "ޝޮޕްލިފްޓާޒް" އާއި މެލޭޝިއާގެ "ތޮމްބިރޯ" ގެ އިތުރުން ޗައިނާގެ "ޔޫތު" އެވެ.

އޮސްޓްރޭލިއާގެ ޝަރަފުވެރި އެވޯޑަކަށް ބޮލީވުޑްގެ ތިން ފިލްމެއް ވާދަ ކުރާ އިރު، އެ ގައުމުގައި ހިންދީ ފިލްމުތަކަށް އަބަދުވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް އޮވެ އެވެ.

މި އަހަރުގެ އޭއޭސީޓީއޭގެ ގްރޭންޑް ޖޫރީގެ މެމްބަރުންގެ ތެރޭގައި ވެސް ބޮލީވުޑްގެ ތަރިންތަކެއް ހިމެނެ އެވެ. އެއީ އަނޫޕަމް ކޭރް އާއި ޝަބާނާ އަޒްމީ އެވެ. އަދި ޖޫރީގެ ރައީސަކީ އޮސްކާ އާއި ގޯލްޑެން ގްލޯބް އަދި ބަފްޓާ ފަދަ އެވޯޑްތައް ހާސިލުކޮށްފައިވާ މަޝްހޫރު އެކްޓަރު ރަސަލް ކްރޯ އެވެ.

ޖޫރީ މެމްބަރުންގެ ތެރޭގައި ހިމެނޭ ދެން އެންމެ ފާހަގަކޮށްލެވޭ އެކަކީ އޮސްޓްރޭލިއާގެ މަޝްހޫރު ފިލްމު ކްރިޓިކް/ޕްރޮޑިއުސަރު އަދި ޕްރެސެންޓަރު މާގްރެޓް ޕޮމެރަންޒް އެވެ.

އޭއޭސީޓީއޭ އެވޯޑް ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ ސިޑްނީގައި އަންނަ ޑިސެމްބަރު މަހުގެ 5 ގަ އެވެ. މިއީ 2011 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.