ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގްރިޒްމަން: ސިމިއޯނީ
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގްރިޒްމަން: ސިމިއޯނީ

މެޑްރިޑް (އޮކްޓޯބަރު 4) – އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ގްރިޒްމަންގެ ދެ ލަނޑާ އެކު ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރުޖް އަތުން 3-1 އިން އެތުލެޓިކޯ މޮޅުވި މެޗަށް ފަހު އެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ގްރިޒްމަން ފުރަތަމަ ގޯލް ޖެހީ 28 ވަނަ މިނެޓުގަ އެވެ. ބްރުޖް އިން އެއްވަރުކުރުމުން ދެ ވަނަ ފަހަރަށް ގްރިޒްމަން ލީޑު ނަގައިދިނީ 67 ވަނަ މިނެޓުގަ އެވެ. އަދި ތިން ވަނަ ގޯލް 90 ވަނަ މިނެޓުގައި ކޯކޭ ޖެހީ ވެސް ގްރިޒްމަން ދިން ބޯޅައަކުންނެވެ.

"އަހަރެން މި ވާހަކަ މިދިޔަ ސީޒަނުގައި ވެސް ބުނިން. އެ ވާހަކަ އަނެއްކާ ވެސް ބުނާނަން. ގްރިޒްމަން އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންޔެރިޔާ،" ސިމިއޯނީ ބުންޏެވެ. "އޭނާ ޔުރޮޕާ ލީގާއި ވޯލްޑް ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފި. އަދި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ހިމެނޭ ލީގެއްގައި ދެ ވަނަ ހޯދި."

ގްރިޒްމަންގެ މޮޅު ކުޅުމާ އެކު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކޯޗުކޮށްދިން ޑިޑިއޭ ޑިޝޯމްޕްސް ވެސް ބުނީ އޭނާ އަށް ކޮންމެވެސް އެވޯޑެއް ހައްގު ކަމަށެވެ. އެކަމަކު ޔުއެފާ އެވޯޑާއި ބެލޮންޑިއޯ އެވޯޑުގައި ވެސް ގަދަ ތިނެއްގައި ލައްވައެއްނުލި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ އެތުލެޓިކޯ ހޯދި މޮޅާ އެކު ވެސް ހަ ޕޮއިންޓާ އެކު އަދި އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ. އެ ޓީމު ވަނީ ރޭ މޮނާކޯ އަތުން 3-0 އިން މޮޅުވެފަ އެވެ. ބްރުޖް އާއި މޮނާކޯ އަށް ޕޮއިންޓެއް ނުލިބެ އެވެ.