04 އޮކްޓޯބަރ 2018 - 12:06

ޕެރިސް (އޮކްޓޯބަރު 4) - ފްރާންސްގެ ޖަލަކުން މިދިޔަ ޖުލައި މަހު ކުރީކޮޅު ހެލިކޮޕްޓަރުގައި ފިލި ނުރައްކާތެރި ގޭންގްސްޓާ ރިދޮއިން ފާއިދު އިއްޔެ އަތުލައިގަތް އިރު އޭނާ އުޅުނީ މޫނު ބުރުގާ އަޅައިގެން ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.

ޕްރޮސެކިއުޓަރު ފްރާންސުވާ މޮލިންސް ވިދާޅުވީ ޖަލު ފަޅާލި ގޭންގުގެ މޯބައިލް ފޯނު ކޯލްތައް ފުލުހުން ދިޔައީ މޮނިޓާ ކުރަމުން ކަމަށެވެ. އަދި ފާއިދު އުޅެ ބޮޑުވި ޕެރިހުގެ އުތުރުގެ ހިސާބުގައި އުޅުނު އަންހެނަކަށް ފުލުހުން ފާރަލަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. މިދިޔަ ހަފުތާގައި އެ އަންހެން މީހާގެ ކާރަށް މޫނު ބުރުގާ އަޅައިގެން ހުރި މީހަކު އަރުވައިގެން ގެންދިޔަ މަންޒަރު ފުލުހުންނަށް ފާހަގަވި ކަމަށް ވެސް ބުނެފައިވެ އެވެ.

"ދޫހެދުން ލައިގެން މޫނު ބުރުގާ އަޅައިގެން ހުރި މީހާއަކީ ފިރިހެނެއް ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވުނު،" ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮލިންސް ވިދާޅުވި އެވެ.

މޫނު ބުރުގާ އަޅައިގެން ހުރި މީހާ ކާރަކުން ފައިބައިގެން ގޮސް އެޕާޓްމަންޓަށް ވަންނަ މަންޒަރު ފުލުހުންނަށް އަންގާރަ ދުވަހުގެ ރޭ ވަނީ ފާހަގަވެފަ އެވެ. އިރުކޮޅެއް ފަހުން މޫނު ބުރުގާގައި ހުރި އެހެން މީހަކު ވަނީ އެ އެޕާޓްމަންޓަށް ވަދެފަ އެވެ. ފުލުހުން ވަނީ ހަމަ އެ ރޭ، ހަތަރު ވަނަ ބުރީގައި ހުރި އެޕާޓްމަންޓަށް ވަދެ ފާއިދު އަތުލައިފަ އެވެ. ފާއިދުއާ އެކު ވަނީ އޭނާގެ ބޭބެ އާއި އަންހެން ޑްރައިވަރު ވެސް ހައްޔަރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ވަނީ ފާއިދު ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްޗަށް ވަނީ އެތައް ދައުވާއެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަލު ފަޅާލައިގެން ފިލުމާއި ގޮވާތަކެތި ގެންގުޅުން ހިމެނެ އެވެ.
ޖުލައި މަހު ފަހުކޮޅު ފުލުހުންގެ ޕެޓްރޯލް އޮފިސަރުންނަށް ފާއިދު ވަނީ ޕެރިހާ ކައިރި ހިސާބަކުން ފެނިފަ އެވެ. ނަމަވެސް ފުލުހުންނަށް އަތު ނުޖެހި އޭނާ ވަނީ ޝޮޕިން ސެންޓަރެއްގެ ޕާކިންނަށް ކާރު ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ. އޭނާ ދޫކޮށްލި ކާރުގައި ހުރީ ގޮވާ ތަކެތި ހަރުކޮށްފަ އެވެ. އަދި ކާރުގައި ޖަހާފައި ހުރީ ވަގު ނަން ބޯޑެކެވެ.
ޖުލައި 1 ވަނަ ދުވަހު ފާއިދު ޖަލުން ފިލާފައި ވަނީ ބަރު ހަތިޔާރާ އެކު ތިބި ތިން މީހެއްގެ އެހީގަ އެވެ. ފާއިދުގެ ބޭބެއަކާ ބައްދަލު ކުރަން މެހްމާނުންގެ ކޮޓަރިއަށް ވަތް ވަގުތު ބަޑި ހިފައިގެން ތިބި ދެ މީހަކު ވަނީ ސްމޯކް ބޮމާއި އަތުބޮން އުކައި މެހެމާނުންގެ ކޮޓަރިއަށް ވަދެ ފާއިދު ނެރެފަ އެވެ. އޭރު ތިން ވަނަ މީހާ ހުރީ ޖަލުގެ ކޯޓްޔާޑުގައި ހެލިކޮޕްޓަރެއް ގާޑުކޮށްގެންނެވެ. ހެލިކޮޕްޓަރު ޖަލަށް ތިރިކުރީ ހައިޖެކްކޮށްގެންނެވެ. ހެލިކޮޕްޓަރު ޖެއްސި ކޯޓްޔާޑަކީ އެންޓި-އެއާކްރާފްޓް ނެޓް ނުޖަހައި ހުރި ހަމައެކަނި ސަރަހައްދެވެ. ޖަލުން ބުނީ އެ ސަރަހައްދުގައި ނެޓު ޖަހާފައި ނުވަނީ އެއީ ގައިދީން ބޭނުންކުރާ ތަނަކަށް ނުވާތީ ކަމަށެވެ.
ހެލިކޮޕްޓަރުގައި ފާއިދު ގެންދިއުމަށް ފަހު އެ މީހުން ވަނީ ހެލިކޮޕްޓަރު ދޫކޮށްލުމަށް ފަހު ވެހިކަލެއްގައި ފިލައިފަ އެވެ. ހެލިކޮޕްޓަރު ތިރިކުރި އިރު އެ ވެހިކަލް އޮތީ ތައްޔާރަށެވެ. ފަހުން އެ މީހުން ވަނީ އެ ވެހިކަލް އަންދާލުމަށް ފަހު އެހެން ވެހިކަލެއްގައި ފިލައިފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ފާއިދު ވަނީ ޖަލުގެ ހަތަރު ގާޑަކު އިންސާނީ އައްޑަނައަކަށް ހެދުމަށް ފަހު ޖަލުގެ ދޮރުތަކުގައި ޑައިނަމައިޓް އަޅައި ގޮއްވާލުމަށް ފަހު ފިލައިފަ އެވެ. ނަވާރަ ސަތޭކަ ހަތް ދިހަ ދެ ވަނަ އަހަރު އުފަންވެފައިވާ ފާއިދު ވަނީ 90ގެ އަހަރުތަކުގައި ގޭންގެއް ހިންގައިފަ އެވެ. ފާއިދު ވަނީ ގޭންގްސްޓާ ފިލްމުތައް ބަލަން އޭނާ ވަރަށް ލޯބިކުރާ ކަމަށް ބުނެފަ އެވެ.