05 އޮކްޓޯބަރ 2018 - 06:46

މައިކްރޮސޮފްޓަކީ ކޮމްޕިއުޓަރު ހާޑްވެޔާ އާއި ސޮފްޓްވެއާގެ ވިޔަފާރީގައި އެންމެ ނަން ހިނގާ ކުންފުންޏެވެ. މިފަހަކަށް އައިސް މައިކްރޮސޮފްޓުން ނެރުނު ސާފަސް އާއިލާގެ ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕްތަކަކީ މީހުންގެ ހިތްދަމައިގަންނަ ސިފަތަކެއް ލިބި، އެތައް ބަޔަކު އޭގެ އާ ކުލަތަކަށާއި ރަހަތަކަށް އިންތިޒާރުކުރާ އާއިލާއަކަށްވަނީ ވެފައެވެ.

ސާފަސްގެ އަހުލުވެރިންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މައިކްރޮސޮފްޓުން ސާފަސްގެ އާ ވާޝަންތަކަކާއި ހެޑްފޯނެއް ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ. މި އަޕްޑޭޓްގައި ސާފަސް ބުކް ފިޔަވައި އެހެން ހުރިހާ ސާފަސް ލެޕްޓޮޕްތަކަށް ވަނީ އިތުރު ބާރުތަކާއި ފުރިހަމަކަމެއް ލިބިދީފައެވެ.

ސާފަސް ޕްރޯ6 އަކީ ލެޕްޓޮޕަކަށް ވެސް ޓެބްލެޓަކަށް ވެސް ފުދޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. މިފަހަރުގެ އާ ބަދަލުގައި މީގެ ބޮޑުމިނަކަށް ބަދަލެއް ނާދެއެވެ. މީގެ12.3 އިންޗީގެ ޑިސްޕްލޭއަށް ބަދަލެއް ނަޔަސް ސްޓޯރޭޖް ބޮޑުވެ، ސީޕީޔޫގެ ފެންވަރަށް ވެސް ވަނީ އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައެވެ. މިފަހަރު އަޅުވާފައިވަނީ އިންޓެލް ސީޕީޔޫގެ 8 ވަނަ ޖީލުގެ ޕްރޮސެސަރެކެވެ. އަދި 16 ޖީބީގެ ރެމްއަކާއި އެސްއެސްޑީ ސްޓޯރޭޖްގައި 1 ޓެރަބައިޓް ހިމެނެއެވެ. އެހެންވެ، މިއީ ހެޔޮވަރު ވަރެއްގެ ކޮމްޕިޔުޓަރަކަށް ވެސް މިހާރު ފުދެއެވެ. ސާފަސް ޕްރޯ6 މިހާރު ކަޅުކުލައިން ލިބެން އެބަހުއްޓެވެ.

ޓެބްލެޓަކަށްވުރެ ލެޕްޓޮޕަކަށް ހިތްކިޔާ ނަމަ ސާފަސް އާއިލާއިން އެންމެ ކަމުދާނީ ސާފަސް ލެޕްޓޮޕް 2 އެވެ. ސާފަސް ޕްރޯ6 އެކޭ އެއްގޮތަށް ބޭރު ފުށުން މާ ބޮޑު ބަދަލެއް ނުފެނުނަސް ލެޕްޓޮޕް 2ގެ ވެސް އެތެރެ އޮތީ ބޮޑުކޮށްފައެވެ. މިފަހަރު އަޅާފައިވާ 8ވަނަ ޖީލުގެ އިންޓެލް ޕްރޮސެސަރުގެ ސަބަބުން މީގެ މަސައްކަތު ދުވެލި 85 ޕަސެންޓް އިތުރުކޮށްދޭނެއެވެ. މީގެ ވެސް ކަޅުކުލައިގެ ތޮށިގަނޑުން ޒީނަތްތެރިވެފައިވާ ލެޕްޓޮޕް މިފަހަރު ލިބެން ހުންނާނެއެވެ.

ސާފަސް ސްޓޫޑިޔޯ2 އަކީ ސާފަސް އާއިލާއިން އެންމެ ކަމުދާ ކޮމްޕިޔުޓަރެވެ. އެހެން ބާވަތްތަކުގެ އެތެރޭގެ ޖާގައާއި މަސައްކަތު ފެންވަރު މަތިވިޔަސް ސާފަސް ސްޓޫޑިޔޯ2 ގައި އަދިވެސް ހުރީ 7 ވަނަ ޖީލުގެ އިންޓެލް ޕްރޮސެސަރެކެވެ. މިފަހަރު ފައްކާކޮށްފައިވަނީ މީގެ ގްރެފިކް ބާރެވެ. ބުނެވޭ ގޮތުގައި މިހާރު ގްރެފިކްސް ފެންވަރު 50 ޕަސެންޓް އިތުރުވާނެއެވެ.
ސާފަސް އާއިލާއަށް މިފަހަރު މުޅިން އަލަށް އިތުރުވި މެމްބަރަކީ ސާފަސް ހެޑްފޯނެވެ. މިއީ 13 ފެންވަރަށް އަޑު ކޮންޓްރޯލްކުރެވެން ހުންނަ ހެޑް ފޯނެކެވެ. ފޯނަށް ޖަވާބުދިނުން ފަދަ ކަންކަމަށް 8 މައިކް ހިމެނެއެވެ. މި ހެޑްފޯން މަސައްކަތްކުރާނީ އެހެނިހެންވެސް ބްލޫޓޫތު ހެޑްފޯންތަކެކޭ އެއްގޮތަށެވެ.
ސާފަސް އާއިލާއަށް އައި ބަދަލުތަކުގެ އިތުރުން މައިކްރޯސޮފްޓް ވިންޑޯޒް10ގެ 2018 އޮކްޓޯބަރުގެ އަޕްޑޭޓް ވެސް މި ދަނޑިވަޅުގައި ވަނީ ނުކުމެފައެވެ. މިފަހަރު މުޅިން އަލަށް ޔޯ ފޯން އެޕްގެ ނަމުގައި އެޕެއް ހިމެނޭނެއެވެ. ބޭނުމަކީ ފޯނާއި ކޮމްޕިއުޓަރާ ދެމެދު ކުރެވޭ މުއާމަލާތަށް ފަހިކޮށްދިނުމެވެ. އަދި ކޮމްޕިޔުޓަރުން އެސްއެމްއެސް ކުރެވޭނެ ގޮތް ވެސް މިފަހަރު ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވޯޑާއި ޕަވާޕޮއިންޓްގައި ހުރި 3ޑީ ގްރެފިކް ފެންވަރު މަތިކުރުމާއި މުޅިން އަލަށް ޓު ޑޫގެ ނަމުގައި ޓާސްކް މެނޭޖަރެއް ވެސް ހިމަނާފައިވެއެވެ.
މައިކްރޮސޮފްޓް ވިންޑޯޒްއަށް މިފަހަރު މިއައީ މީހުން އަޖައިބުވާ ކަހަލަ ބަދަލުތަކެއް ނޫނެވެ. އެކަމަކު ސާފަސްއަށް އައި ބަދަލުތައް ފާހަގަކޮށްލެވޭނެކަމަށް ބެލެވެއެވެ.