04 އޮކްޓޯބަރ 2018 - 10:00

މެންޗެސްޓާ (އޮކްޓޫބަރު 4) - މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދައެއް އޭނާ އަށް ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗަށް ފަހު ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޔުނައިޓެޑްގެ ކުޅުންތެރިން ވަނީ ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.
އެ މެޗަށް ފަހު މިކްސްޑް ޒޯން ތެރޭގައި ހުރި ރިޕޯޓަރުންތައް ޕޮގްބާއާ ސުވާލު ކުރުމުން އޭނާ ބުނީ މީޑިއާއާ ވާހަކަ ދެއްކެން ނެތް ކަމަށް ބުނެފަ އެވެ.
"އަހަރެން ގާތުގައި އޮތީ މީޑިއާއާ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފައި،" ނޫސްވެރިންގެ ސުވާލުތަކަށް ޕޮގްބާ ދިން ހަމައެކަނި ޖަވާބަކީ އެއީ އެވެ.
ފާއިތުވި ދެ ހަފްތާ ތެރޭގައި ޕޮގްބާ އާއި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ ބެހޭގޮތުން ތަފާތު އެކި ވާހަކަތަކެއް މީޑިއާގައި ވަނީ ދެކެވިފަ އެވެ. މި ސީޒަނުގެ ބައެއް މެޗުތަކުގައި ޕޮގްބާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުއިރު، ދާދި ފަހުން މޮރީނިއޯ ވަނީ ޕޮގްބާ ދެން އެ ޓީމުގެ ކެޕްޓަންކަން ނުކުރާނެ ކަމަށް ބުނެފަ އެވެ.
މޮރީނިއޯ އާއި ޕޮގްބާގެ މައްސަލަތައް ފެށުނީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އޭގެ ފަހުން މީޑިއާގައި އެ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެ ގުޅުން އިތުރަށް ގޯސްވާން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރީނިއޯ ރަޝިއާގެ ޓީވީއެއްގެ ޝޯއެއްގައި ޕޮގްބާ އަށް ފާޑުކިޔުމާ ގުޅިގެންނެވެ. އެކަމާ ހެދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
މި ސީޒަނުގައި މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕޮގްބާ ވަނީ ބައެއް ކަހަލަ ވާހަކަތައް އޭނާ ދައްކައިފިނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕޮގްބާ ހޯދަން ސްޕެއިނުގެ ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އަދި ޕޮގްބާ އެ ޓީމަށް ބަދަލުކުރަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް ވަރަށް މަސައްކަތްކުރި އެވެ. އޭރު ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން ދެކޮޅު ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ޕޮގްބާ ވިއްކާލަން މޮރީނިއޯ ވަނީ އެ ޓީމުގެ ވެރިންނަށް އަންގައިފަ އެވެ.
ޔުނައިޓެޑްގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ދަށްކޮށް ފެށި އަހަރަށް މި ސީޒަން ވެފައިވާއިރު، ޔުނައިޓެޑުގެ ކޯޗުކަމުގައި މޮރީނިއޯގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވާން ޖެހޭ ކަމަށް ބުނެ އިންސްޓަގްރާމްގައި އިން ފޮޓޯ އަކަށް ޔުނައިޓެޑްގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާ ވަނީ ލައިކް ކޮށްފަ އެވެ. އޭނާ ބުނީ އެ ފޮޓޯގައި ލިޔެފައިވާ ލިޔުންކޮޅަށް ސަމާލުކަން ނުދެވުނީ ކަމަށާއި އެއީ އެނގިގެން ކުރެވުނު ކަމެއް ނޫން ކަމެއް ކަމަށް ކަމަށެވެ.