ލޭމައްޗަށް ދިއުން މިހާރު އެންމެ ގިނައީ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި
ލޭމައްޗަށް ދިއުން މިހާރު އެންމެ ގިނައީ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި

ލޭމައްޗަށް ދިއުމުގެ މައްސަލަ މިހާރު އެންމެ ބޮޑުވެފައި ވަނީ މުއްސަނދި ގައުމުތަކުގައި ނޫން ކަމަށާއި ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކަމަށް ސާކިއުލޭޝަން ޖާނަލް އިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހިސާބަށް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ވަނީ ލޭމައްޗަށް ދިއުމުގެ މައްސަލަ ގާތްގަނޑަކަށް އަށް ޕަސެންޓަށް އިތުރުވެފަ އެވެ. އެކަމަކު މުއްސަނދި ގައުމުތަކުގައި މި ނިސްބަތް ވަނީ އެ މުއްދަތުގައި ގާތްގަނޑަކަށް ތިން ޕަސެންޓް ދަށްވެފަ އެވެ.

"މިދިޔަ 10 އަހަރަށް ބަލާއިރު، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި ފަގީރު ގައުމުތަކުގައި މި ވަނީ ލޭމައްޗަށް ދިއުމުގެ މައްސަލަ ބޮޑުވެފައި. އެކަމަކު މުއްސަނދި ގައުމުތަކުގައި ދިޔައީ ދަށަށް،" ދިރާސާގެ ވެރިޔަކަށް ހުންނެވި ޓޫއުލޭން ޔުނިވަސިޓީ އޮފް ޕަބްލިކް ހެލްތު ތަޖުރިބާކާރު ޖިއާންގް ހީ ވިދާޅުވެފައިވެ އެވެ.

ހީ އާއި އޭނާގެ ޓީމުން މި ދިރާސާ ކުރުމަށް 1995 އިން 2014 އާ ދެމެދުގެ ކޮށްފައިވާ އެކި ދިރާސާތަކުން މައުލޫމާތު އެއްކުރި އެވެ. އެ ދިރާސާތަކުގައި ބައިވެރިކޮށްފައިވާ މީހުންގެ އުމުރާއި ޖިންސާއި އެ މީހުންގެ އުމުރާއި ޖިންސާ ގުޅޭ ގޮތުން ލޭގެ ޕްރެޝަރު ހުރި މިންވަރު ބަލައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ވަޒަންކޮށްފަ އެވެ.

ދިރާސާ ޓީމުން ލަފާކުރާ ގޮތުގައި 2010 ވަނަ އަހަރު މުޅި ދުނިޔޭގައި، ލޭމައްޗަށް ދިއުމުގެ މައްސަލައާ ކުރިމަތިވެފައިވާ 1.39 ބިލިއަން މީހުން ތިއްބެވެ. އެކަމަކު 2000 ވަނަ އަހަރު މި އަދަދު ހުރީ 921 މިލިއަނުގަ އެވެ. ލޭމައްޗަށް ދިއުމުގެ މައްސަލަ، މުއްސަނދި ގައުމުތަކުގައި މީހުންގެ ކިބައިން ފެނުމަށް އޮންނަ ފުރުސަތު 2000 ވަނަ އަހަރު 31.1 ޕަސެންޓުގައި ހުރުމަށް ފަހު 2010 ވަނަ އަހަރު ވަނީ 28.5 ޕަސެންޓަށް ވެއްޓިފަ އެވެ. އެކަމަކު އާމްދަނީ މަދުން ލިބޭ ގައުމުތަކުގައި ވަނީ 23.8 ޕަސެންޓުން 31.5 ޕަސެންޓަށް އިތުރުވެފަ އެވެ.

ލޭމައްޗަށް ދިއުމުގެ މައްސަލަ އެންމެ ބޮޑީ އިރުމަތީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގައި ކަމަށާއި އެ ސަަރަހައްދުތަކުގައި މި މައްސަލަ ހުރި ގާތްގަނޑަކަށް 439 މިލިއަން މީހުން އެބަތިބި ކަމަށް ދިރާސާގައި އަންދާޒާކޮށްފައިވެ އެވެ.

ދެކުނު އޭޝިއާ އާއި ސަބް ސަހާރަން އެފްރިކާ ސަރަހައްދުގައި ވެސް ލޭމައްޗަށް ދިއުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެގޮތުން 2000 އިން 2010 އަށް ބަލާއިރު، ލޭމައްޗަށް ގޮސްފައި ތިބި މީހުންގެ އަދަދު ދެކުނު އޭޝިއާ އިން 114 މިލިއަން އަދި ސަބް ސަހާރަން އެފްރިކާ އިން 78 މިލިއަން ވަނީ އިތުރުވެފަ އެވެ.

ލޭމައްޗަށް ދިއުމުގެ މައްސަލަ ބޮޑުވަމުން އަންނަނީ ދަނޑުވެރިކަން ފަދަ ހަރަކާތްތެރި ބުރަ މަސައްކަތްތައް އާންމުގޮތެއްގައި ކުރަމުން އައި ގައުމުތަކުގައި އެފަދަ މަސައްކަތްތައް މަދުވެ ޒަމާނީ ދިރިއުޅުމަށް ބަދަލުވާ މީހުން ގިނަވުމުން ކަމަށް ވެދާނެ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ.