04 އޮކްޓޯބަރ 2018 - 07:48

އަހަރުތަކަކަށް ފަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، މިދިޔަ ހަފުތާގައި ފުރާނަ އެޅި އަލުން ދިރެން ފަށައިފި އެވެ. އެތައް ހާސް ރައްޔިތުންނެއްގެ ޝަކުވާތަކާއި އާދޭސްތައް އިވޭ ކަމަށް ވެސް ނުހަދައި އަހަރުތަކަކު އޮތުމަށް ފަހު، ރައްޔިތުންނަށް މާ ހެޔޮ އެދޭ، ނުފޫޒެއްގެ ދަށު ނުވެ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން ކުރާ ތަނެއް ކަމަށް ދައްކަން މޯޅިއަށް ދެމިލައިފި އެވެ.

އަހަރުތަކަކަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ހިތުގައި ވިންދު ޖަހަން ފެށިތާ އަދި 24 ގަޑިއިރު ނުވެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް މަދަހަ ކިޔާ މީހުން ނޫނަސް، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންނަކީ ވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ބައެއްކަމުގެ އިހްސާސް، އެ ކޮމިޝަނަށް ކުރެވެން ފަށައިފި އެވެ.

ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކަށް ވެސް ގާނޫނުތައް ފެންނަން ފަށައިފި އެވެ. ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބަލާފައި، ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްފައި ތިބި ބައެއް ސިޔާސީ ބޭފުޅުން ވެސް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ވެސް ނެތި ދޫކޮށްލައިފި އެވެ.

ޓެރަރިޒަމްގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ހައްޔަރު ކޮށްގެން އެތައް މަހެއް ވަންދެން ގެންގުޅުނު ބައެއް ބޭފުޅުން ވެސް، އެއީ ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކުށެއް ނޫން ކަމަށް ކޯޓުން ކަނޑައަޅައި މިނިވަން ކޮށްފި އެވެ. ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް، މެޑިކަލް ބޯޑުން ނިންމުމުން ވެސް އެކަމަށް އިޖާބައެއް ނުދީ ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުނު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ކަފާލާތުގެ ދަށުން މިހާރު އެ ހުންނެވީ މިނިވަން ކޮށްފަ އެވެ.

ނަމަވެސް ހަގީގަތަކީ އޭސީސީގެ ޒިންމާތަކާއި ވާޖިބުތަކަށް ބަދަލެއް އައީކީ ނޫނެވެ. ހައްޔަރު ކޮށްފައި ތިބި ސިޔާސީ މީހުން، ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ކަށަވަރު ކަމެއް ލިބުނީކީ ވެސް ނޫނެވެ. ޝަރީއަތް ކުރުމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ބަދަލުވީކީ ވެސް ނޫނެވެ.

ހިނގައި ދިޔައީ ހަމަ އެންމެ ކަމެކެވެ. ދައުލަތުގެ ބާރުތަކުގެ މައްޗަށް އަތް ގަދަކޮށްގެން ހުންނެވި ރައީސް އަބްދުﷲ ޔާމީން، މި ގައުމުގެ ވެރިކަމުގައި ބަހައްޓަން ބޭނުން ނޫން ކަމަށް، މިދިޔަ މަހުގެ 23 ވަނަ ދުވަހު ދިވެހި އާންމު ރައްޔިތުން ކަނޑައަޅައި ނިންމީ އެވެ.
ގިނަ ދިވެހިންނަކީ ކަނޑުގެ ދިރުންތަކަށް، ވަކިން ޚާއްސަކޮށް ބޯވަ އަށް، ނުހަނު ލޯބިކުރާ ބަޔަކަށް ވާތީ، ދައުލަތުގެ މުއައްސަސާތަކަށް މި ކުއްލި ބަދަލު އަންނަ ސަބަބުތައް ވެސް އެންމެނަށް އެނގެ އެވެ. ބޯވައަކީ އެ އިރެއްގެ ހާލަތަށް ފިސާރި ފަސޭހަ އިން ބަދަލުވެ އެ މާހައުލާ އެއްގޮތްވެގަންނަ އެއްޗެކެވެ.
ނަމަވެސް މިހާރު ކަންފަތް ދޮށުގައި ވައި އަޑުން އިވެމުން ދަނީ ކާމިޔާބީގައި ހިތް ތިރިކުރަން ޖެހޭނެ ވާހަކަ އެވެ. ނަމަވެސް ސުވާލަކީ ހިތް ތިރި ކުރުމަކީ، ވެރިކަން ކުރަން ތިބި ބަޔަކު ބާރާއި ނުފޫޒުގެ ބޭނުން ހިފައިގެން ހިންގި ހުރިހާ ޖަރީމާތަކާއި ފޭރިގެންފައިވާ ހައްގުތައް، އެއީ ނުވާ ކަމެއް ކަމަށް ހަދައި ދެ ލޯ މަރާލައިގެން ތިބުން ހެއްޔެވެ؟
"ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގައި ދޫނުކުރާނެ އަދި ކަންތައްތަކެއް ހުންނާނެ. މުއައްސަސާތަކުގެ ވެރިންނަށް ވެސް ހުވަޔާ ޚިލާފުވެ ވަޒީފާގެ ބިރަށޭ ކިޔައިގެން ހިތުހުރިހާ ގޮތަކަށް ކަންކޮށް ދައުލަތުގެ މުއައްސަސާތައް ފުނޑައިނުލެވޭނެ ކަން އެ މީހުންނަށް އިހުސާސް ކުރެވެން ޖެހޭނެ. މިއީ އެ ފިލާވަޅު ނަގައިދޭންވީ ވަގުތު ކަމަށް ދެކެން،" މިނިވަން މުއައްސަސާއެއްގެ އިސް ވެރިޔަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އެޅި ފްލެޓްތައް ދިން ގޮތް އެއީ އެފަދަ އެއް މިސާލެވެ.
"އެ ފްލެޓްތައް ހިތު ހުރި ގޮތަކަށް ބަހައިލި ކަމާއި މިނިސްޓަރުގެ ލިސްޓަށް ފްލެޓްތައް ދިން ކަމީ އެންމެން ދަންނަ ހަގީގަތެއް. އެ ކަން އެ ގޮތަށް ކުރަން މިނިސްޓަރު މުއިއްޒަށް ހިތްވަރު ލިބުނީ މިނިވަން މުއައްސަސާތައް ވައުވެފައި ހުރީމާ ނޫންތޯ؟ މިއީ ދެ ފަރާތް ގުޅިގެން ހިންގި ޖަރީމާތަކެއް. މިއީ ވެ ނިމިފައި ހުރި ކަންތަކޭ ކިޔާފައި އަޅާނުލައި ދޫކޮށްލަންވީތޯ؟" އޭނާ ވިދާޅުވި އެވެ.
ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ނުވަތަ މުޖްތަމައަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ޖަލުގައި އެތައް ދުވަހަކު ގެންގުޅުމަށް ފަހު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިނިވަން ކުރި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަން ކުރީ ކޮން ކަމެއް ބަދަލުވެގެންތޯ ވިސްނައިލުން ރަނގަޅެވެ.
"އެ މީހުން އެ ދޫކޮށްލީ ކޮން ގާނޫނެއް ބަދަލުވެގެންތޯ؟ އެ މީހުންގެ ހާލަތު ބަދަލުވީތޯ. މުޖްތަމައަށް ހުރި ނުރައްކާ ކެނޑުނީތޯ؟ ހެއްކަށް ނުފޫޒު ފޯރުވުން ނިމުނީތޯ؟ އެމީހުން ކުރިން ވެސް ހެއްކަށް ނުފޫޒެއް ފޯރުވީކީ ވެސް ނޫން. ނުފޫޒު ފޯރުވަން ޖެހޭ ވަރުގެ ހެއްކެއް އޮތީކީ ވެސް ނޫން،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމާ މެދު ސުވާލު އުފެދިފައިވާ 12 މެންބަރުންގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުމުން ވެސް ދެން އާންމުން ގަބޫލުކުރަންވީ އެ ކޮމިޝަން މިނިވަންވީ ކަމަށް ހެއްޔެވެ؟
"ނޫން. އެއްގޮތަކަށް ވެސް މިނިވަން ވީކީ ނޫން. އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިގެން ދޮޅު އަހަރު ވަންދެން ތިބެފައި، އެ މަމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހަމަ ކުއްލިއަކަށް (އިއްޔެ) އެ ނިންމީ ވެސް، އިހައް ރޭ (އާދީއްތަ ދުވަހުގެ ރޭ) ޕީޕީއެމުން ކުރި މުޒާހަރާގައި އީސީގެ މެމްބަރުންނަށް އެ ގޮވި އެތިވަރުތައް ގިނަކަމުން އެކަމުގައި އައި ރުޅީގައި،" ގާނޫނީ ވަކީލަކު، މިހާރުގެ ހާލަތު ހުރި ގޮތުން ނަން ސިއްރުކުރަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ.
އެ ވަކީލު ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އީސީން ނިންމީ ވެސް، ރިއާސީ އިންތިޚާބުން ޕީޕީއެމް ބަލިވުމުން އެ ޕާޓީގެ މެމްބަރުން އެ ކޮމިޝަންގެ މެމްބަރުންނަށް ކުރަން ފެށި ތުހުމަތުތަކާ ހެދި އައި ރުޅީގައި ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
"ކޮންގްރެސް ބޭއްވީ އިޖުރާއާތު ފުރިހަމަ ނުކޮށޭ މިހާރު [އީސީ އިން] ބުނާ އިރު، މިހާރު ޕީޕީއެމް ހިންގަނީ ވެސް ގާނޫނީ ހައިސިއްޔަތެއް އޮތް ބައެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އީސީގެ މެމްބަރުންނަށް ނޫންތޯ؟ ޕާޓީގައި އިންތިޚާބު ކޮށްފައި ހުރި ރައީސް މަގާމުން ދުރުކޮށްފައި، ޕާޓީގެ މުސްތަޝާރާ މިހާރުން ފެށިގެން ޕީޕީއެމް ހަވާލުކުރިއްޔޭ ބުނުމުގެ ބާރު ކޮން ގާނޫނެއްގެ ދަށުންތޯ އެއްވެސް މީހަކަށް ލިބެނީ؟" ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި އެ ވަކީލު ވިދާޅުވި އެވެ.
"ކޯޓުތަކުން ކަންކަން ނިންމަންވާނީ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގައި ކަޅާއި ހުދުން އެ އޮތީ ބަޔާން ކޮށްފައި. ގާނޫނަކުން ނުދޭ ބާރެއް އެއްވެސް ކޯޓަކަށް ލިބިގެން ނުވާ ކަން އެއީ މުޅި ދުނިޔެ އިއްތިފާގުވާ ޖުޑީޝަލް ޕްރިންސިޕަލެއް."
އޭނާ ވިދާޅުވި ގޮތުގައި ވެއަތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ދައުލަތެއްގެ ސިފަ ވަނީ ރާއްޖޭން ގެއްލިފަ އެވެ. އެއަށް ވުރެ ބޮޑަށް އެ މުއްދަތުގައި ރާއްޖެ ސިފަވަނީ އެންމެ މީހެއްގެ މުށުތެރޭގައި އޮތް ކުންފުންޏެއްގެ ގޮތުގަ އެވެ.
"ޑިމޮކްރެޓިކް ދައުލަތެއްގައި، މިނިވަން ތިން ބާރު އޮންނާނެ. ރާއްޖޭގައި މި ތިން ބާރު ވެސް މި އޮތީ އެންމެ މީހެއްގެ މުށު ތެރޭގައި. ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުން ގާނޫނުތައް ވެސް ހަދައިދިނީ ރައީސް ޔާމީން އެ ވަގުތަކަށް ބޭނުންވި ގޮތަށް. އަބުރުގެ ގާނޫނު، އެންޓި ޑިފެކްޝަން ގާނޫނު، މިހެން ކިޔާނެ ކަމެއް ނެތް، މުޒާހަރާ ކުރުން މަނާކުރި ގާނޫނު ވެސް ހަދައިދީގެން ހައްގުތައް ނިގުޅައިގަތީ،" ކުރިން ވާހަކަ ދެއްކެވި، މުއައްސަސާއެއްގެ އިސް މުވައްޒަފު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ ހާލަތު އޮތް ގޮތް، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ދެ ބޭފުޅުންނާ ދެކޮޅަށް ކުރި ދައުވާ ސާބިތުކުރުމަށް ހެކިބަސް ދިން ފަނޑިޔާރުންގެ ވާހަކަތަކުން އެ އޮތީ ދިމާއަށް ފެންނާށެވެ.
ގައުމުގެ ހުރިހާ މުއައްސަސާތަކެއްމެ މި ހާލަތަށް ގޮސް މުޅި ގައުމު ގަޑުބަޑުވެފައިވާ އިރު، މި ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ވެސް، ގައުމުގެ ދުސްތޫރީ ސިފަތައް ނަގައިލި މީހުންނަށް އެކަމުގެ އުގޫބާތް ދޭން ޖެހެ އެވެ. މަގާމާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ސިޔާސީ މަގްސަދުތައް ހާސިލުކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހެ އެވެ. ދައުލަތުގެ ޚަޒާނާއަކީ ތިމާމެންގެ އަމިއްލަ މުދާ ކަމަށް ދެކިގެން އުޅުނު މީހުންނަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބު ދޭން ޖެހެ އެވެ. އެ ނޫން ގޮތަކަށް މި ގައުމަށް ސަލާމަތެއް ނެތެވެ.