ލެޕްޓޮޕެއް، ހަމައެކަނި ލިޔުމަށް
ލެޕްޓޮޕެއް، ހަމައެކަނި ލިޔުމަށް

ބައެއް ލިޔުންތެރިންނަކީ އެ މީހުން ދާ ކޮންމެ ތަނެއްގައި ވެސް ލިޔުމަށް ވަގުތު ހޭދަކުރާ މީހުންނެވެ. އެކަމަކު އަޑުތަކާއި އެހެން ކަންކަމުގެ ތެރެއަށް ތިމާގެ ޚިޔާލު ދާނަމަ ލިޔުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. މިކަމަށް އޮތް އެއް ހައްލަކީ ފްރީރައިޓް ޓްރެވެލާއެވެ.

ހަމައެކަނި ޓައިޕްކުރުމުގެ މުހުތާދުތައް ފުއްދުމުގެ ނިޔަތުގައި އުފައްދާފައިވާ މި ކުޑަ ލެޕްޓޮޕަކީ ސޯޝަލް މީޑިއާ އާއި އީމެއިލް އާއި ނޫސްކިޔުމާއި ތަފާތު ބާވަތްބާވަތުގެ އެޕްތަކަށް ފުރުސަތު ނެތް ލެޕްޓޮޕެކެވެ. މިއިން ކުރެވޭހާ ވެސް ކަމަކީ ޓައިޕްކޮށްފައި ކްލައުޑްގައި ރައްކާކުރުމެވެ. ބޭނުމިއްޔާ ޑްރޮޕްބޮކްސްގައި ރައްކާކުރަންވީއެވެ. ނުވަތަ ގޫގްލް ޑްރައިވް ވެސް އިޚްތިޔާރުކުރެވޭނެއެވެ. މީގައި އެކުލެވެނީ ކީބޯޑަކާއި ކުޑަ ޑިސްޕްލޭ ސްކްރީނަކާއި އިންޓަނެޓް ކަނެކްޝަނެކެވެ.

އެމެރިކާގެ ކުންފުންޏަކުން އެންމެ ފުރަތަމަ އުފެއްދި މީގެ ކުޑަ ލެޕްޓޮޕަކީ ފްރީރައިޓެވެ. މިފަހަރު މި ނެރުނު މީގެ އާ ލެޕްޓޮޕަށް ކިޔަނީ ޓްރެވެލާއެވެ. ފްރީރައިޓަށް ވުރެ ޓްރެވެލާ ގެންގުޅެން ފަސޭހައެވެ. މައިގަނޑު ސަބަބަކީ މީގެ ލުއިކަމެވެ. ޓްރެވެލާގެ ބަރުދަނުގައި ހުންނަނީ އެންމެ 816 ގްރާމެވެ.

ޓްރެވެލާ ލެޕްޓޮޕްގައި އީ އިންކް ޑިސްޕްލޭއެއް ހިމެނެއެވެ. މީގެ ބެޓެރީގެ ބާރު ގާތްގަޑަކަށް ދެތިން ހަތަރު ހަފްތާއެއްހާ ދުވަހު ހިފަހައްޓާނެއެވެ. ޓްރެވެލާގައި ލިޔާ ލިޔުންތައް އިރުއިރުކޮޅުން ދާނީ އޮޓަމެޓިކުން އިންޓާނަލް ފްލޭޝް ސްޓޯރޭޖެއްގައި ރައްކާކުރެވެމުންނެވެ. އިންޓަނެޓާ ގުޅޭ ވަގުތެއްގައި ޑްރޮޕްބޮކްސް ނުވަތަ ގޫގްލް ޑްރައިވް ފަދަ ތަނެއްގައި ދާއިމަށް ފޮރުވޭނެއެވެ.

ކޮމްޕިޔުޓަރުން ލިޔުމުގައި ބޭނުންކުރާ މުހިއްމު ސޮފްޓްވެޔާތަކާއި ޕްރޮގްރާމްތައް ޓްރެވެލާގައި އަޅާފައި ހުރެއެވެ. އޭގެ ތެރޭގައި މާކްޑައުން ސިންޓެކްސް އާއި ސްކްރައިވްނާ އާއި ފައިނަލް ޑްރާފްޓާއި ވޯޑް ޕްރޮގްރާމް ހިމެނެއެވެ. އެހެނިހެން ޚިޔާލުތަކާ ދުރުވެ އިނދެގެން ލިޔަން ބޭނުން ނަމަ ޓްރެވެލާއަކީ އެންމެ އެކަށޭނަ އެކުވެރިޔާއެވެ.