ވަންޕްލަސް 6ޓީ: ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށުގައި
ވަންޕްލަސް 6ޓީ: ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށުގައި

ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިނދެ އެވެ. ވަޔަލެސް ޗާޖިން ސަޕޯޓެއް ނުކުރެ އެވެ. ފެން ނުވަންނަކަން ކަށަވަރުކޮށްދޭ ރަސްމީ މިންގަނޑެއް ނެތެވެ. އެކަމަކު ވެސް މި ފޯނެއް އަތުނެޖެހިގެން ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ.

ވަންޕްލަސް ކުންފުނިން އުފެއްދި ފޯނުތަކާ އަޅާ ކިޔުމުގައި، ވަންޕްލަސް 6ޓީ އަށް މީހުން ކެތްމަދުވެފައި ތިބި ސަބަބަކީ ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލާފައިވުމެވެ. މިއީ އަދި މި ފެންވަރުގެ ފޯނެއްގައި މި ޓެކްނޮލޮޖީ ހިމެނި ފުރަތަމަ ފަހަރެވެ.

ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކް ނުހިމެނި ސަބަބަކީ އެޕަލް ކޮޕީކުރުން ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަން ކުރަން ޖެހުނު ސަބަބަކީ ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލަން ބޭނުންވުމެވެ. ސީއީއޯ، ޕީޓެ ލޯ ވިދާޅުވި ގޮތުގައި މި އަށް ވުރެ އިޚުތިޔާރުކުރަން އުނދަގޫ ކަމެއް، ވަންޕްލަސްގެ ހަޔާތުގައި ދިމާނުވެ އެވެ.

އައިފޯނުން ހެޑްފޯން ޖެކް ބޭޜުކޮށްލީ އެޕަލް އަށް މަޖުބޫރުވެގެންނެވެ. އެއީ ފޯނަށް އާ ޓެކްނޮޖީ ގެނައުމަށް ޖާގަ ހުސްކުރަން ޖެހުމެވެ. ހުސްވި ޖާގާގައި ވަޅުލާފައި ވަނީ "ޓެޕްޓިކް އިންޖީން" އެވެ.

ވަންޕްލަސްގެ ސީއީއޯ، ޕީޓެ ލޯ ވިދާޅުވި ގޮތުގައި، ވަންޕްލަސް 6ޓީ "ވޯޓާޕްރޫފް" ކުރުމަށްޓަކައި ބޭނުންޖެހޭ "އައިޕީ ރޭޓިން" ކަނޑަނޭޅީ ފޯނު އަގުބޮޑުވާނެތީ އެވެ. ރަސްމީ ސިފައިގައި "އައިޕީ ރޭޓިން" ކަނޑަނޭޅި ނަމަވެސް، އާންމު ހާލަތްތަކުގައި ވަންޕަލަސް 6ޓީ އަށް ފެނެއް ނުވަންނާނެ އެވެ. އެހެން ނޫނަސް، ވަންޕްލަސް ފޯނެއް ހިފައިގެން ޑައިވިން އަށް ދާން ބަޔަކު ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްމާޓްފޯން މާކެޓްގައި "ވަޔަލެސް ޗާޖިން" ބޮޑު ގުޅަވެފައި ވާއިރު، ވަންޕަލަސް 6ޓީ ގައި އެ ޓެކްނޮލޮޖީ ނުހިމެނި ސަބެއް ކަމަށް ސީއީއޯ ވިދާޅުވީ، ވަންޕްލަސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ހިމަނާ ފެންވަރަށް އަދި އެއްވެސް ބަޔަކަށް އެ ޓެކްނޮލޮޖީ ތަރައްގީކުރެވިފައި ނުވުމެވެ. އެ އަށް ވުރެ ވަންޕްލަސް "ޑޭޝް ޗާޖް" ފުރިހަމަ ކަމަށް އޭނާ ވިދާޅުވި އެވެ. ވަންޕްލަސް ޑޭޝް ޗާޖިން އަކީ ފޯނު ހޫނުނުވެ، ވަރަށް އަވަހަށް ބެޓެރީ ޗާޖްކޮށްދޭ ޓެކްނޮލޮޖީއެކެވެ. ޑޭޝް ޗާޖިންއާ ވާދަކުރެވޭ ފެންވަރަށް ވަޔަލެސް ޗާޖިން ތަރައްގީކުރެވުމުން، ވަންޕްލަސް ފޯނުތަކުގައި އެ ޓެކްނޮލޮޖީ ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.