28 މެއި 2016 - 09:46

ދޮޅު މަަސް ދުވަހުން ބޮޑު ނިއުސް ވެބްސައިޓެއް ތައްޔާރުކޮށް ނިންމާލުމަކީ ފަސޭހަ ކަމަށް ނުވާނެ އެވެ. ހާއްސަކޮށް އެކަމުގައި އުޅެނީ ބިޒީ ދަރިވަރެއް ނަމަ އެވެ. އެކަމަކު "މިހާރު"ގެ ވެބްސައިޓް އެންމެ ފުރިހަމައަށް ފެންނަން މި އޮތީ ސައިރެކްސް ކޮލެޖުގައި ކިޔަވަމުން އައި އަހުމަދު އަލީ ނުވަތަ އަހަރުމެން ކިޔާ ނަމުން ނަމަ "އަޖައިބު"ގެ ބޮޑު އެހީތެރިކަމާ އެކު އެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީން ސޮފްޓްވެއާ ޑިޒައިނިން އަދި ޑިވެލޮޕިން އިން ބެޗްލާސް ޑިގްރީ މިދިއަ ބުދަ ދުވަހު ހާސިލްކުރުމުން "މިހާރު"ގެ ޓީމުން އެކަން ފާހަގަކޮށް އަޖައިބަށް މަރުހަބާ ކިޔަމެވެ.
އޭނާ ބުނިގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި "މިހާރު" ވެބްސައިޓްގެ ބޮޑު މަސައްކަތް ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
"މި ވެބްސައިޓަކީ އަޅުގަނޑުމެން މިދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ނުނިދާ ތިބެގެން ކުރި މަސައްކަތް. ވަރަށް ގިނަ ބަޔަކު މި މަސައްކަތް ބަލައިގަތް،" ފުވައްމުލަކަށް އުފަން އުމުރުން، 24 އަހަރުގެ އަޖައިބު ބުންޏެވެ.
"ހަވީރު"ގައި ފަސް އަހަރު ވަންދެން މަސައްކަތް ކުރި އަޖައިބަށް، ކިޔަވަމުން ވަޒީފާ އަދާކުރުމަކީ ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަކު ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބުގެ ނަތީޖާތައް ފަސޭހަކަމާ އެކު ވަގުތުން ކިޔާލަން ލިބޭ ގޮތް އަޖައިބާއި އޭނާގެ ޓީމުން ގެނެސްދިނީ ވަރުބަލިކަމެއް ނެތި އެވެ.
އެފަދަ މުހިއްމު އިވެންޓްތައް ކުރިއަށް ދާއިރު، އެސައިންމަންޓްތައް ގަޑިއަށް ނިންމުމަކީ ކުރިމަތިވި އުނދަގުލެކެވެ. އެކަމަކު އޭނާ މަސައްކަތް ކުރާ ޑިޕާޓްމެންޓްގެ ހެޑް، އިބްރާހިމް ރަމީޒްގެ އެހީތެރިކަން ކިޔެވުމުގައި ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށް ބުންޏެވެ.
"މަސައްކަތްތައް ވެސް ހަވާލުކުރާނީ ކިޔެވުމަށް ބުރޫނާރާ ގޮތަށް. ޓެސްޓެއް އޮންނަންޏާ ވަރަށް ބޮޑަށް ލުއި ކޮށްލާފައި،" އަޖައިބު ބުންޏެވެ.
ކިޔެވުމުގެ ތެރޭން ވެސް އޭނާ ވަނީ "އަޖައިބު" ދައްކާފަ އެވެ.
އެކުވެރި އަބްދުއްލަތީފް އަބްދުއްރައްޒާގާ އެކު ކޯހުގައި ތައްޔާރުކުރި ޕްރޮޖެކްޓަކަށް ކޮލެޖްގެ ޗެއާމަން އެވޯޑް ލިބުނު އިރު އެއީ އާއްމު ދިރިއުޅުމުގައި ވެސް ބޭނުންކުރެވޭނެ މޮޅު އެޕްލިކޭޝަނެކެވެ. އިމާރާތުގެ ފިނި ހޫނު މިނާއި ގޭސް ހުރި މިންވަރާއި މޯޝަން އަދި އެތަނުގައި ހުރި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހާލަތް ދެނެގަންނައިރު އެކަން ފޯނު އެޕްލިކޭޝަނުން ބަލައިލެވެ އެވެ. ނަމަވެސް އެއީ ކޮލެޖް ޕްރޮޖެކްޓެއް ކަމުން އޭގެ ބޭނުމެއް އާއްމުންނަށް ހިފޭ ގޮތެއް ނުވި އެވެ.
އެކަމަކު އަޖައިބާއި އޭނާ މަސައްކަތްކުރާ ޓީމުގެ ކުޅަދާނަކަން އެއަށް ވުރެ މާ ފުޅާކޮށް މި އޮތީ ފެންނާށެވެ: މި ވެބްސައިޓެވެ.