04 އޮކްޓޯބަރ 2018 - 07:33

ޝާހްރުކް ހާން ކުޅުނު ފިލްމުތަކަށް ކުރިން ލަވަ ކިޔައިދިން އިރު، އެ ލަވަތަކުގެ މަގުބޫލުކަމާ އެކު، ޝާހްރުކަކީ ރޮކްސްޓާއެއް ކަމަށާއި އެކަމަކު އޭނާގެ ފިލްމުތަކަށް ލަވަ ކިޔައި ދިނުން ހުއްޓައިލި ފަހުން އެ ޖާދޫ ނުފެންނަ ކަމަށް، މަޝްހޫރު ލަވަކިޔުންތެރިޔާ އަބިޖީތު ބަޗަރިއާ ބުނެފި އެވެ.
އޭނާ ވަނީ ޝާހްރުކް ކުޅުނު ވަރަށް ގިނަ ފިލްމުތަކަށް ލަވަ ކިޔައިދީފަ އެވެ. އޭގެ ތެރޭގައި "އަންޖާމް"، "ޔެސް ބޮސް"، "ޕިރް ބީ ދިލް ހޭ ހިންދުސްތާނީ"، "ޗަލްތޭ ޗަލްތޭ"، "ބާދްޝާހް" އަދި "މޭ ހޫ ނާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝާހްރުކާ އެންމެ ގުޅޭ އަޑަކީ ވެސް އަބިޖީތުގެ އަޑެވެ.
އަބިޖީތު ބުނި ގޮތުގައި އޭނާ ޝާކްރުކަށް ބެކް ވޯކަލް ދިނުން ހުއްޓައިލީ، އާޓިސްޓެއްގެ ގޮތުން ކުރާ މަސައްކަތު އަގު ވަޒަންނުކުރާތީ އެވެ.
އެގޮތުން ޝާހްރުކް ލީޑް ރޯލް ކުޅުނު، ފަރާ ހާން ޑައިރެކްޓް ކުރި މޭ ހޫ ނާ (2004) އާއި އޯމް ޝާންތީ އޯމް (2007) ގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގައި ހިމެނޭ މީހުން ހިމަނައިގެން ލަވަތަކެއް ގެނެސް ދިން އިރު، އެ ފުރުސަތު އެ ފިލްމުތަކުން ދީފައި ނުވާ ކަމަށް ބުންޏެވެ.
"އެހެންވެ އެއީ އާޓިސްޓެއްގެ ގޮތުން އަހަރެން ވަރަށް ހިތުގައި ޖެހުނު ކަމެއް. އެހެންވެ ފަހުން ޝާހްރުކްގެ ފިލްމުތަކަށް ލަވަ ކިޔައިދިނުން ހުއްޓައިލީ"، މިހާތަނަށް 423 ފިލްމަކަށް 634 ލަވަ ރިކޯޑްކޮށް ދީފައިވާ އަބިޖީތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޝާހްރުކަށް ލަވަ ކިޔައި ދިނުން ހުއްޓައިލި ފަހުން ވެސް، ލަވައެއް ކިޔައި ދޭން އެދި އޭނާގެ ކައިރި އަށް ދިޔަ އެވެ. އެގޮތުން 2013 ގައި ރިލީޒް ކުރި "ޗެންނައި އެކްސްޕްރެސް" ގެ ލަވަ "ލުންގީ ޑާންސް" ކިޔައި ދޭން ޝާހްރުކް އެދުނު ކަމަށް ބުންޏެވެ.
ރޯހިތު ޝެޓީ ޑައިރެކްޓް ކުރި އެ ފިލްމުގައި ހިމެނޭ މަގުބޫލު ލަވަ "ލުންގީ ޑާންސް" ކިޔާފައި ވަނީ ޔޯ ޔޯ ހަނީ ސިންގް އެވެ.
އުމުރުން 59 އަހަރުގެ އަބީޖިތުގެ އަޑު މިހާރު ފިލްމުތަކުން އިވުން އެއްކޮށް ކަހަލަ ގޮތަށް ހުއްޓުމަކަށް އައިސްފައިވާ އިރު، އޭނާއަކީ ކުރިން ވަރަށް ގިނަ އަލްބަމްތަކެއް ވެސް ނެރެފައިވާ ފަންނާނެކެވެ.