04 އޮކްޓޯބަރ 2018 - 07:34

މީގެ ކުރިން ވެސް ޓީވީ ސީރީޒާއި ފީޗާ ފިލްމުތަކެއްގެ ގޮތުގައި ގެނެސް ދީފައިވާ ސީއެސް ލުވިސްގެ މަޝްހޫރު ވާހަކަ ސިލްސިލާ "ކްރޮނިކަލްސް އޮފް ނާނިއާ" ނެޓްފްލިކްސް އިން ތައްޔާރުކޮށް، ގެނެސް ދޭން ނިންމައިފި އެވެ.
މިއީ ނެޓްފްލިކްސް އާއި ދަ ސީއެސް ލުވިސް ކޮމްޕެނީން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފަށާ ޕްރޮޖެކްޓްތަކެކެވެ. އެގޮތުން މި ސިލްސިލާގެ ހުރިހާ ވާހަކަތަކެއްގެ ރައިޓްސް ނެޓްފްލިކްސް ވަނީ ގަނެފަ އެވެ.
މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު (ސީއެފްއޯ) ބުދަ ދުވަހު ބުނީ "ކްރޮނިކަލްސް އޮފް ނާނިއާ" އަކީ ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ވާހަކަ ސިލްސިލާއަކަށްވާ އިރު، ނެޓްފްލިކްސްގެ ވަފާތެރި ކަސްޓަމަރުން "ނާނިއާ ހިތްގައިމު ދުނިޔޭގެ ތެރެއަށް ގެންދެވުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ
"ކުރިއަށް ހުރި އަހަރުތަކުގައި ނެޓްފްލިކްސްގެ ފޭނުން ނާނިއާގެ ދުނިޔެ އަށް އަހަރެމެން ގެންގޮސް ދޭނަން،" އޭނާ ބުންޏެވެ. "އަދި މިއީ ބެލުންތެރިންގެ ޝައުގުވެރި ވާނެ އުފެއްދުންތަކަކަށް ވާނެ ކަމުގެ އުންމީދު ބޮޑު."
"ކްރޮނިކަލްސް އޮފް ނާނިއާ" ގެ ވާހަކަތަކަށް ސީރީޒާއި ފިލްމު ގެނެސް ދޭން ނެޓްފްލިކްސް އިން ނިންމާފައި ވަނީ އެންޓަޓައިންމަންޓް ވަން (އީވަން) އާ ގުޅިގެންނެވެ. އެކަމަކު މީގެ މަސައްކަތް ރަސްމީކޮށް ފަށައި ގަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މީގެ ފެންޓަސީ ހަތް ވާހަކައެއް މިހާތަނަށް ލުވިސް ކިޔުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އެއީ ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޮބް (1950)، "ޕްރިންސް ކެސްޕިއަން (1951)، ދަ ވޮޔެޖް އޮފް ޑޯން ޓްރެޑާ (1952)، ދަ ސިލްވަ ޗެއާ (1953)، ދަ ހޯސް އެންޑް ހިޒް ބޯއި (1954)، ދަ މެޖިޝަންސް ނެފިއު (1955) އަދި ދަ ލާސްޓް ބެޓްލް (1956) ހިމެނެ އެވެ.
މި ވާހަކަތަކުގެ 100 މިލިއަން ކޮފީ މިހާތަނަށް ވިއްކާފައިވާ އިރު، 47 ބަހަކުން ތަރުޖަމާކޮށްގެން ފޮތްތައް ނެރެފައިވެ އެވެ.
"ކްރޮނިކަލްސް އޮފް ނާނިއާ" ގެ ވާހަކަތަކުގެ ތެރެއިން ތިން ވާހަކައަކަށް ހެދި ފީޗާ ފިލްމުތައް ބެލުންތެރިންނާ ހަމަށް އައިސްފައި ވަނީ 2005-20120 އަށެވެ. އެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
އެތައް ފަހަރެއްގެ މަތިން ޓީވީ ސިލްސިލާތަކެއްގެ ގޮތުގައި "ކްރޮނިކަލްސް އޮފް ނާނިއާ" ގެ ވާހަކަ ކިޔައި ދީފައިވާ އިރު، މިއަށް ބިނާކޮށް އެންމެ ފަހުން ސީރީޒެއް ގެނެސް ދިނީ 1980 ގެ އަހަރުތަކުގައި ބީބީސީންނެވެ.