ގޯހުން ގޯހަށް! ވިކްޓަރީން މިރޭގެ މެޗަށް ހާޒިރުނުވާނެ!
ގޯހުން ގޯހަށް! ވިކްޓަރީން މިރޭގެ މެޗަށް ހާޒިރުނުވާނެ!

މުސާރަ ނުދެވި، މާލީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތް، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުން މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވާން ނިންމައިފި އެވެ.

ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޕްރެކްޓިސް ކޮށްފައިނުވާއިރު އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު ޓީމު ހަމަކުރެވުނީ ވެސް ކިރިޔާ އެވެ. އެކަމަކު އެ ކްލަބުގެ މެނޭޖަރު އަހުމަދު ގާލިބް ދެންމެ ބުނީ ކުޅުންތެރިންނާއި މެނޭޖަރު ތިބީ މެޗު ކުޅެން ތައްޔާރުގައި ކަމަށާއި ކްލަބް ހިންގުމުގައި އަމަލީކޮށް މަސައްކަތްކުރާ ބައެއް އެކްޓިވް ބޯޑް މެމްބަރުން، މި ހާލަތުގައި މެޗަށް ނުކުންނަން ބޭނުންނުވީ ކަމަށެވެ.

"ކުޅުންތެރިންނާއި މެނޭޖަރު، އެ ފަރާތުގެ އެންގުމަށް އިޖާބަދޭނެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން މިރޭގެ މެޗަށް ހާޒިރުނުވާނެ،" އޭނާ ބުންޏެވެ. "މެނޭޖަރެއްގެ ހައިސިއްޔަތުން ވިކްޓަރީގެ ހުރިހާ ކުޅުންތެރިންނަށް ސެލިއުޓްކުރަން."

ގާލިބް ބުނީ ކަންކަން ހައްލުވީ އަވަހަކަށް ވިކްޓަރީ އެނބުރި އަންނާނެ ކަމަށެވެ.

ވިކްޓަރީ ހާޒިރުނުވާތީ މިރޭގެ މެޗުން ޓީސީ އަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބޭނެ އެވެ. އަދި ވިކްޓަރީ 25،000ރ. އިން ޖޫރިމަނާ ވެސް ކުރާނެ އެވެ.

މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓަރީގެ ތާރީހުގައި ވެސް މިފަދަ ހާލަތަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމު ތައްޔާރުކުރަން މިދިޔަ ޖުލައި މަހު 18 ވަނަ ދުވަހު ލީގު މެދުކަނޑާލީ ފަހުން ވިކްޓަރީން ޕްރެކްޓިސް ބާއްވާފައިނުވެ އެވެ. ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފުރައިގެން ދިޔައީ މުސާރަ ނުލިބުމާއި ކްލަބްގައި ކުރިއަށްދާން އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ.

ލީގުގައި މި ވަގުތު ވިކްޓަރީ އޮތީ ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ވިކްޓަރީގައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ޖޫން މަހު ގެނައި ޑެންމާކުގެ ކިމް އެލްގާޑް ވަނީ ކްލަބްގެ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން އެނބުރި ގައުމަށް ގޮސްފަ އެވެ. ދެން އެ ޓީމުގައި މި ވަގުތު ތިބި ބިދޭސީ ތިން ކުޅުންތެރިން ވެސް މުސާރަ ނުލިބޭތީ ތިބީ އުނދަގޫ ހާލަތެއްގަ އެވެ.

މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ. އޭގެ ނަތީޖާއަކަށްވީ ފަހު ވަގުތު ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އެ ޓީމަށް ގެއްލުމެވެ. އަދި އޭގެ ފަހުން ޓީމުގައި ތިބި ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވެ، އަލުން އޮތީ ޓީމު އެކުލަވާލަން ޖެހިފަ އެވެ. މި ސީޒަނުގައި ވިކްޓަރީން މިހާތަނަށް ކުރި މަސައްކަތަށް ބަލާއިރު މިދިޔަ އަހަރާ އަޅާކިޔާއިރު އެ ޓީމު އަދި އޮތީ ރަނގަޅު ޓްރެކުގަ އެވެ. އެކަމަކު ފަހަކަށް އައިސް އަނެއްކާ ވެސް ގިނަ މައްސަލަތަކެއް ޖެހި ޓީމުގެ ހާލަތު އޮތީ ގޯސްވެފަ އެވެ.

ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.

މިދިޔަ މާޗް މަހު ބޭއްވި ވިކްޓަރީގެ އިންތިހާބުގައި ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބު ކުރި އެވެ. ކްލަބް ހަމަމަގަށް އެޅުވުމުގެ ވައުދުތަކެއްވީ ނަމަވެސް މިހާތަަނަށް ޓީމު ތެރޭގައި ޖެހިފައިވާ ގިނަ މައްސަލަތަކަށް އޮތީ ހައްލެއް ނުލިބި އެވެ.