09 އޯގަސްޓް 2016 - 22:59

އަނބިންގެ ފަރާތުން ފިރިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އެންމެ ބޮޑަށް ލިބޭ ގައުމަކީ މިސްރު ކަމަށް އދ. އިން ބުނެފި އެވެ.
އދ. އިން އާންމުކުރި ކުށުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފިރިންނަށް އަނިޔާކުރުމުގެ އެއް ވަނަ މިސްރަށް ލިބޭއިރު ދެ ވަނަ އަށް އޮތީ އިނގިރޭސި ވިލާތެވެ. އަދި ތިން ވަނަ ލިބެނީ އިންޑިއާ އަށެވެ.
މިސްރުގެ އާއިލާއާ ބެހޭ ކޯޓުގެ ހިސާބުތަކާ ހަވާލާދީ އދ. އިން ބުނެފައި ވަނީ އަނިޔާ ލިބޭ ފިރިންގެ ތެރެއިން 66 ޕަސެންޓް މީހުން އެ މައްސަލާގައި ވަރިކުރަން ކޯޓަށް ހުށަހަޅާ ކަމަށެވެ. އަނބިންގެ އަނިޔާއިން ސަލާމަތްވާން މިސްރުގައި ފިރިންނަށް ގާނޫނީ އިޚްތިޔާރަކަށް އޮންނަ ހަމަ އެކަނި ގޮތަކީ ވަރިކުރުން ކަމަށް އދ. އިން ފާހަގަކޮށްފައިވެ އެވެ. މިފަދަ 6000 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ފިރިންނަށް އަނިޔާކުރުމަށް އަތުން ޖެހުމުގެ އިތުރުން ޕިން ފަދަ ތޫނު އެއްޗެހި ހެރުމާއި ބެލްޓުން ތެޅުމާއި ބަދިގޭގައި ގެންގުޅޭ ބައެއް އެއްޗެހިން ތަޅައި އަނިޔާކުރުމުގެ އިތުރުން ފައިވާނުން ތެޅުން ވެސް ހިމެނޭކަން ކޯޓުގެ މައުލޫމާތުތަކުން އެނގެ އެވެ.
މިސްރުގައި ވަނީ އެ ގައުމުގައި ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ތެރެއިން ތިން ބައިކުޅަ އެއް ބައި މީހުންނަކީ ފިރިންނަށް ބޭވަފާތެރިވާ މީހުން ކަމަށް ބުނި ފިރިހެނަކު ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. މިހެން ބުނެފައި ވަނީ މަޝްހޫރު ޓޯކް ޝޯއެއްގެ ހޯސްޓެކެވެ. އޭނާ ހައްޔަރުކުރުމަށް އަމުރު ނެރުނީ ގައުމުގެ އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަ ދެއްކި ކަމަށް ބުނެ އެވެ.