03 އޮކްޓޯބަރ 2018 - 16:53

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކަންކަން ހަމަޖެއްސުމަށް އައްޔަން ކުރެއްވި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ) އަށް ހާއްސަ އޮފީހެއް ސަރުކާރުން އިއްޔެ ހަމަޖައްސައިދީފި އެވެ.
އިބޫގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ އިބޫގެ ޑީޖީޓީ އަހުމަދު ލަތީފް (ސީވީޑް ލަތީފް) އަށް ސަރުކާރުން އޮފީސް ހަމަޖައްސައިދިނީ ސްޓެލްކޯ އިމާރާތުން ކަމަށެވެ. އަދި އިދާރީ މުވައްޒަފުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބީ ކެންޑިޑޭޓް އެދިއްޖެ ހިނދެއްގައި އޭނާ މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.
އިންތިގާލީ މަރުހަލާގެ ކަންކަމަށް އިބޫގެ ފަރާތުން ކަނޑައަޅާފައިވާ ކޮމެޓީތަކުން މިހާރު އަންނަނީ މިނިސްޓަރުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރަމުންނެވެ.
މާރިޔާ ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ހިނގަމުން އަންނަނީ ވަރަށް އަމާންކަމާ އެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.