ސައުދީ ސަރުކާރަށް ފާޑުކީ ނޫސްވެރިޔާ ތުރުކީގައި ގެއްލިއްޖެ
ސައުދީ ސަރުކާރަށް ފާޑުކީ ނޫސްވެރިޔާ ތުރުކީގައި ގެއްލިއްޖެ

އަންކަރާ (އޮކްޓޯބަރު 3) - ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔަ އެ ގައުމުގެ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ޚަޝޯގީ ތުރުކީގައި "ގެއްލިފައިވާ" ކަމަށް އޮފިޝަލުން ބުނެފި އެވެ.

އޭނާ ގެއްލިފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކުރި ޒިޔާރަތަކަށް ފަހު އެވެ. ޚަޝޯގީ އަކީ ވޮޝިންޓަން ޕޯސްޓަށް ވެސް ލިޔާ ނޫސްވެރިއެކެވެ.

ވޮޝިންޓަން ޕޯސްޓުން ބުނީ ޚަޝޯގީ ކޮންސިއުލޭޓަށް އިއްޔެ ދިޔައީ ލިޔެކިޔުންތަކެއް ފުރިހަމަ ކުރަން ކަމަށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.

"އޭނާ ހައްޔަރު ކުރީ ކަމެއް، ސުވާލު ކުރީ ކަމެއް އަދި އޭނާ ދޫކޮށްލާނީ ކޮން އިރަކުން ކަމެއް ނޭނގޭ،" ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ.

ޚަޝޯގީއާ އެކު އޭނާގެ ލޯބިވެރިޔާ ވެސް ކޮންސިއުލޭޓަށް ދިޔަ އެވެ. ނަމަވެސް ލޯބިވެރިޔާ އަށް ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. ޚަޝޯގީ ވެސް ވެއްދީ އޭނާގެ ފޯނު އަތުލުމަށް ފަހު އެވެ. ޚަޝޯގީގެ ލޯބިވެރިޔާ ބުނެފައި ވަނީ ކޮންސިއުލޭޓް ބަންދުކުރަން ދެން އޭނާ ބޭރުގައި މަޑުކުރި ކަމަށެވެ. ނަމަވެސް ޚަޝޯގީ ނުކުމެފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޚަޝޯގީ ދިރިއުޅެނީ އަމިއްލަ އަށް އަރުވާލެވިގެން އެމެރިކާގަ އެވެ. އޭނާ ދަނީ ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމަށެވެ.