ސައިފް އަނެއްކާވެސް ފިލްމު ކުންފުންޏެއް އުފައްދައިފި
ސައިފް އަނެއްކާވެސް ފިލްމު ކުންފުންޏެއް އުފައްދައިފި

މީގެ ކުރިން އިލުމިނަތީ ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް އުފައްދައި ކާމިޔާބު ފިލްމުތަކެއް އުފެއްދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އަނެއްކާ ވެސް އިތުރު ފިލްމު ކުންފުންޏެއް އުފައްދައިފި އެވެ.

މި ފަހަރު ސީދާ އޭނާ ސައްތަ އިން ސައްތަ ހިއްސާވާ ގޮތަށް އުފެއްދި ކުންފުނީގެ ނަމަކީ ބްލެކް ނައިޓް ފިލްމްސް އެވެ. ސައިފް ކުރިން އުފެއްދި ފިލްމު ކުންފުންޏަކީ އޭނާ ކުޅުނު "ކޮކްޓެއިލް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންއާ ހިއްސާވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ.

އާ ފިލްމުން ކުންފުނި އުފައްދާ ފުރަތަމަ ފިލްމު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ "ފިލްމުސްތާން" ގެނެސް ދިން ނިތިން ކައްކަރް ޑައިރެކްޓް ކުރާ "ޖަވާނި ޖާނެމަން" އެވެ. މި ފިލްމަކީ 40 އަހަރުގެ ބައްޕައަކާއި އޭނާގެ ޒުވާން އަންހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ އާއިލީ ކޮމެޑީ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން ސައިފް ފެނިގެންދާ އިރު، އޭނާގެ ދަރިފުޅުގެ ރޯލް ކުޅޭނެ ބަތަލާއަކު ވެސް ވަރަށް އަވަހަށް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޖަވާނި ޖާނެމަން" އިން ސައިފާއި އޭނާގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން އެކުގައި ފެނިގެން ވެސް ހިނގައި ދާނެ އެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ސިމްބާ" ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 28 ގަ އެވެ. ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅޭ މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ބްލެކް ނައިޓް ފިލްމްސް އިން ސައިފް ފިލްމު އުފެއްދުމުގެ އާ ދަތުރެއް ފަށާ އިރު، މި މަސައްކަތުގައި އޭނާއާ ގުޅިގެން ޖޭ ޝެވަކްރަމާނީގެ ނަދަން ލައިޓް ފިލްމްސް މަސައްކަތް ކުރާނެ އެވެ. ޖޭ ވަނީ ސައިފާ އެކު "ރޭސް" އާއި "ރޭސް 2" ގެ މަސައްކަތުގައި ވެސް ހިއްސާވެފަ އެވެ.

"ޖަވާނި ޖާނެމަން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ސައިފްގެ އެންމެ ފަހުގެ ފިލްމު "ބާޒާރު" މި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، އޭނާ އަންނަނީ "ހަންޓާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސައިފްގެ އިލުމިނަތީން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ލަވް އާޖް ކަލް"، "އެެޖެންޓް ވިނޯދް"، "ގޯ ގޯއާ ގޯން"، "ހެޕީ އެންޑިން" އަދި "ލޭކަރް ހަމް ދީވާނީ ދިލް" ހިމެނެ އެވެ.