ރައީސް އޮފީހުގެ ތަރުޖަމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް
ރައީސް އޮފީހުގެ ތަރުޖަމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައި ވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ މަރުގެ އިންޒާރު ދީފަ އެވެ.

މުއާޒު ވިދާޅުވީ މަރުގެ އިންޒާރު ދިނަސް އޭނާގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭސްބުކުން މީހަކު މުއާޒަށް ރޭ ފޮނުވި މެސެޖުގައި ބުނެފައިވަނީ ސަލާމަތުން ހުންނަން ބޭނުންވާ ނަމަ މަޑުން ހުރުމަށެވެ. އެހެން ނޫނީ އޭނާގެ ނިމުން ވަރަށް ގޯސްވާނެ ކަމަށް ބުނެފައި ވެ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މޫސާ އަންވަރު ކުރި ޓްވީޓެއް ވެސް މުއާޒު ވަނީ އިންޒާރެއް ކަމަށް ބަލައި އެކަން ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުން އަންނަ މޫސަ ކުރި ޓްވީޓުގައި ބުނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އިންތިޚާބީ ރައީސް ނޫން ކަމަށް ބުނެ މުއާޒު ފާސްކުރި ގަރާރުގެ މައްސަލަ ފުލުސް އޮފީހުން ބަލަންޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ނިންމުމަށް ޖޯކު ޖަހައި ޗެލެންޖު ކުރުމަކީ ސަމާސާ ވިހަވެދާނެ ކަމެއް ކަމަށާއި މުއާޒު ދިރިއުޅުއްވާ ތަން އެނގޭ ކަމަށް ވެސް އޭނާގެ ޓްވީޓުގައިވެ އެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށް ބުނެ އީސީއާ ދެކޮޅަށް ޕީޕީއެމުން ވަނީ މުޒާހަރާ ފަށައިފަ އެވެ. އެ ޕާޓީގެ އޮފީސް ދޮށުގައި ކުރާ މުޒާހަރާގައި ބައިވެރިވެވަޑައިގެން ރޭ ވެސް މުއާޒު ވަނީ އިލެކްޝަންސްގެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލައްވައިފަ އެވެ.