09 އޯގަސްޓް 2016 - 23:13

ފޯ ސީޒަންސް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ވާދަކުރާ ސާފިން ޗެމްޕިއަންސް ޓްރޮފީ މުބާރާތް މިރޭ ފަށައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާގެ ޝޭން ޑޯރިއަން އާއި ޖޭމީ އޯބްރަޔަން، ވޯލްޑް ސާފިން ލީގުގެ ޑެޕިއުޓީ ކޮމިޝަނަ ދެކުނު އެފްރިކާގެ ޓްރަވިސް ލޮގީ، އޮސްޓްރޭލިއާގެ ތާޖް ބޮރޯ، އެމެރިކާގެ ރޮބް މަޗާޑޯ އަދި އެމެރިކާގެ އަންހެން ސާފިން ޗެމްޕިއަން ބެތަނީ ހަމިލްޓަން އެވެ.

މިއީ މި މުބާރާތް ކުރިއަށްގެންދާ ހަ ވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގައި ވާދަކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ޗެމްޕިއަނުން އެކަންޏެވެ. ނަމަވެސް މި ފަހަރު ވަނީ ފުރަތަމަ ފަހަރަށް ވަނީ ދިވެހި ރާޅާ އެޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އެއީ ރާއްޖޭގެ އެންމެ ކުޅަދާނަ ސާފާ ހުސެން އަރީފް (އިބޫ) އެވެ.
ފޯ ސީޒަންސް ރިސޯޓް ކުޑަހުރާގައި މިރޭ ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް އާއި އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ސާފިން ހިމަނަން ނިންމާފައިވާއިރު އެ ހިސާބަށް ދާން ބޭނުންވާ ދިވެހި ރާޅާ އެޅުންތެރިންނަށް މި ފަދަ މުބާރާތްތަކުގެ ސަަބަބުން ފައިދާ ކުރާނެ ކަމަށެވެ.
"ސާފިން އަކީ މިހާރު ވަރަށް ގިނަ ޒުވާނުންގެ މެދުގައި ޝައުގުވެރިކަން ބޮޑުވަމުން އަންނަ ކުޅިވަރެއް. މި ކުޅިވަރުން ރާއްޖެ އަށް ވަނީ ރީތި ނަންތަކެއް ވެސް ހޯދައިދީފައި. ޓޯކިޔޯގައި 2020 ވަނަ އަހަރު އޮންނަ އޮލިމްޕިކްްސްގައި ސާފިން ހިމަނާފައިވާއިރު މި ފަދަ މުބާރާތްތަކަކީ ދިވެހި ރާޅާއެޅުންތެރިންނަށް ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް މިއީ. ފޯ ސީޒަން ސާފިން މުބާރާތުން ދިވެހި ރާޅާއެޅުންތެރިންނަށް ފުރުސަތުދޭން ނިންމި ނިންމުމަށް އަޅުގަނޑު މަރުހަބާ ކިޔަން،" އިރުތިޝާމް ވިދާޅުވި އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެ ކަހަލަ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެއްގައި މި ފަދަ ކުޅިވަރުތައް ބޭރު ގައުމުތަކުގެ އެތުލީޓުންނާ އެކު ކުރިއަށްގެންދާތީ އުފާކުރާ ކަމަށެވެ.
"ރާއްޖޭގައި މި ފަދަ މުބާރާތެއް ބޭއްވޭ ފަދަ ގޮތަކަށް ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ހާލަތު ދެމެހެއްޓޭތީ އުފާކުރަން. ހަގީގަތުގައި ރާޅާ އެޅުމަކީ ރާއްޖޭގައި ޒުވާނުން އަލާކުރަމުން އަންނަ ކުޅިވަރެއް. މިފަދަ ކުޅިވަރުތައް ވިޔަފާރީގެ ވިސްނުމުގެ އިތުރުން މި ކުޅިވަރު ކުރިއެރުވުމަށް މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާތީ އުފާކުރަން،" ތޯރިގު ވިދާޅުވި އެވެ.
ފޯ ސީޒަންސް އިން ބުނާގޮތުގައި މި ފަހަރުގެ މުބާރާތަކީ އެންމެ ފުރިހަމަ މުބާރާތެވެ. މިކަމަށް ރާޅާ އެޅުންތެރިން ވެސް އެއްބަސްވެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޝޭން ޑޯރިއަން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި ފަހަރު ޗެމްޕިއަންކަން ހޯދަން އުނދަގޫވާނެ ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އެއީ ދެ ވަނަ ފަހަރަށް މި މުބާރާތުގައި ވާދަކޮށްލަން ލިބުމުން މިއީ ވަރަށް ސާފިން އެހެން މުބާރާތްތަކާ އަޅާކިޔާއިރު ތަފާތު މުބާރާތެއް. މުޅިން ޗެމްޕިއަނުންނާ މި ވާދަކުރަނީ. އެހެންވުމުން ވާނެ ގޮތެއްބުނަން ނޭނގޭ،" ހަވާއީގެ ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާ ޑޯރިއަން ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ރާޅާ އެޅުންތެރިއާ ބެތަނީ އަކީ ތަފާތު ސާފަރަކެވެ. އުމުރުން 26 އަހަރުގެ ބެތަނީގެ ސާފިން ކެރިއަރު އެންމެ ބޮޑު ހުއްޓުމަކަށް އައީ 2003 ވަނަ އަހަރު މިޔަރެއްގެ ހަމަލާގައި އޭނާގެ ވާތް ބުރިވުމުންނެވެ. ސާފިން އަށް ލޯބި ޖެހިފައިވުމުން ބެތަނީ ވަނީ ސާފިން އިން ކުރިއަށް ގޮސްފަ އެވެ.
ބެތަނީ ބުނީ މިޔަރުގެ ހަމަލާއާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
"މިޔަރުގެ ހަމަލާގެ ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނުވޭ. ހަގީގަތުގައި އަހަރެން މި މުބާރާތުގައި ވާދަ މިކުރަނީ ބޭނުންވޭ އަބަދުވެސް އެންމެ މަތީ ލެވެލްގައި ސާފްކުރަން. އެހެންވުމުން ހުރިހާ ޗެމްޕިއަނުން ސާފްކުރާ އިވެންޓެއްގައި ވާދަކުރަން މި މުބާރާތަށް އައީ ވެސް،. ދެން ރާއްޖެ އަކީ ސާފްކުރަން ބަލާއިރު ތަފާތު ރީތި ރާޅު އޮަންނަ ތަނެއް." އެމެރިކާގެ ގިނަ ސާފިން މުބާރާތްތަކުގެ އެއް ވަނަ ހޯދާފައިވާ ބެތަނީ ބުންޏެވެ.
މި މުބާރާތް ކުރިއަށްދަނީ ތިން ކެޓަގަރީ އަކުންނެވެ. އެއީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާ އެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.