ގިނައިން ފެން ބުއިމުން ޔޫރިން އިންފެކްޝަނާ ދުރުވޭތަ؟
ގިނައިން ފެން ބުއިމުން ޔޫރިން އިންފެކްޝަނާ ދުރުވޭތަ؟

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ އަހަރެމެން އާންމުކޮށް ކިޔާ ގޮތުން ނަމަ ޔޫރިން އިންފެކްޝަންގެ ވޭން އެންމެ ގިނައިން އުފުލަން ޖެހެނީ އަންހެނުންނަށެވެ. މި މައްސަލަ ދިމާވާ އެއް ސަބަބަކީ މާ މަދުން ފެން ބުއިން ކަމަށް ބުނެ އުޅުނަސް، ގިނައިން ފެން ބުއިމަކީ ހައްލެއް ކަމަށް ސާބިތުވާ ވަރަށް މިހާތަނަށް ހެއްކެއް ނެތެވެ.

އެކަމަކު "ރެންޑަމައިޒް ޓްރަޔަލް" އަކުން މި ވަނީ، ގިނައިން ފެން ބޯ އަންހެނުންނަށް ޔޫރިން އިންފެކްޝަން ޖެހުން މަދު ކަމަށް ދައްކައިފަ އެވެ.

ދިރާސާއަށް، އާންމުކޮށް ޔޫރިން އިންފެކްޝަން ޖެހޭ 140 އަންހެނަކު ކަނޑައެޅި އެވެ. މި މީހުންނަކީ ދުވާލަކު ބައި ލިޓަރަށް ވުރެ މަދުން ފެން ބޯ މީހުންނެވެ. އަދި މި މީހުންނަށް އެވްރެޖްކޮށް، ބްލެޑާގެ އިންފްލެމޭޝަނެއް ކަމަށްވާ ސިސްޓައިޓިސް ވެސް، ދިރާސާގެ ކުރީ އަހަރު 3.3 ފަހަރު ޖެހިފައިވެ އެވެ.

ޖާމާ އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާގައި ބުނެފައިވާ ގޮތުގައި، ދިރާސާގެ ބައިވެރިންގެ ތެރެއިން އެއްބަޔަކު ކުރިން ވެސް ފެން ނުވަތަ ދިޔާ އެއްޗެހި ބޮމުން ދިޔަ މިންވަރަށް ބޮމުން ދިޔަ އެވެ. އަނެއް ބަޔަކު ދިޔާ އެއްޗެހި އިތުރުކުރި އެވެ.

މި މީހުންގެ ތެރެއިން މަދުން ފެން ބޮމުން ދިޔަ މީހުންނަށް އެއް އަހަރު ތެރޭ އެވްރެޖްކޮށް ޔޫރިން އިންފެކްޝަން ޖެހުނީ 3.2 ފަހަރު އެވެ. ގިނައިން ފެން ބުއި މީހުންނަށް އިންފެކްޝަން ޖެހުނު އެވްރެޖަކީ 1.7 އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި. ޔުނިވަސިޓީ އޮފް މަޔާމީގެ ޕްރޮފެސަ އޮފް ކްލިނިކަލް މެޑިސިން ޑރ. ތޯމަސް އެމް. ހޫޓޮން ވިދާޅުވީ މި ދިރާސާއިން ސާފު ނަތީޖާއެއް ނުލިބުނު ކަމުގައި ވިޔަސް، ގިނައިން ދިޔާ އެއްޗެހި ބުއިމުން ޔޫރިން އިންފެކްޝަން ޖެހުން މަދުވާކަން އެނގުނު ކަމަށެވެ.