ފްރާންސްގެ ޖަލުން ފިލި ގޭންގްސްޓާ އަތުލައިގެންފި
ފްރާންސްގެ ޖަލުން ފިލި ގޭންގްސްޓާ އަތުލައިގެންފި

ޕެރިސް (އޮކްޓޯބަރު 3) - ފްރާންސްގެ ޖަލަކުން މިދިޔަ ޖުލައި މަހު ކުރީކޮޅު ހެލިކޮޕްޓަރުގައި ފިލި ނުރައްކާތެރި ގޭންގްސްޓާ ރިދޮއިން ފާއިދު އަތުލައިގެންފި ކަމަށް ފުލުހުން ބުނެފި އެވެ.

ފްރާންސް އިން އެންމެ ހޯދަން ބޭނުންވެފައިވާ ކުށްވެރިޔާ ހައްޔަރު ކުރީ ޕެރިހުގެ އުތުރުގެ ހިސާބަކުންނެވެ. އޭރު އޭނާއާ އެކު އިތުރު ތިން މީހަކު ތިބި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖުލައި މަހު ފަހުކޮޅު ފުލުހުންގެ ޕެޓްރޯލް އޮފިސަރުންނަށް ފާއިދު ވަނީ ޕެރިހާ ކައިރި ހިސާބަކުން ފެނިފަ އެވެ. ނަމަވެސް ފުލުހުންނަށް އަތު ނުޖެހި އޭނާ ވަނީ ޝޮޕިން ސެންޓަރެއްގެ ޕާކިންނަށް ކާރު ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ. އޭނާ ދޫކޮށްލި ކާރުގައި ހުރީ ގޮވާ ތަކެތި ހަރުކޮށްފަ އެވެ. އަދި ކާރުގައި ޖަހާފައި ހުރީ ވަގު ނަން ބޯޑެކެވެ. ފާއިދު ހޯދުމުގެ އޮޕަރޭޝަނަށް ވަނީ 2،900 ފުލުހުން ނެރެފަ އެވެ.

ޖުލައި 1 ވަނަ ދުވަހު ފާއިދު، 46، ޖަލުން ފިލާފައި ވަނީ ބަރު ހަތިޔާރާ އެކު ތިބި ތިން މީހެއްގެ އެހީގަ އެވެ. ފާއިދުގެ ބޭބެއަކާ ބައްދަލު ކުރަން މެހްމާނުންގެ ކޮޓަރިއަށް ވަތް ވަގުތު ބަޑި ހިފައިގެން ތިބި ދެ މީހަކު ވަނީ ސްމޯކް ބޮމާއި އަތުބޮން އުކައި މެހެމާނުންގެ ކޮޓަރިއަށް ވަދެ ފާއިދު ނެރެފަ އެވެ. އޭރު ތިން ވަނަ މީހާ ހުރީ ޖަލުގެ ކޯޓްޔާޑުގައި ހެލިކޮޕްޓަރެއް ގާޑުކޮށްގެންނެވެ. ހެލިކޮޕްޓަރު ޖަލަށް ތިރިކުރީ ހައިޖެކްކޮށްގެންނެވެ. ހެލިކޮޕްޓަރު ޖެއްސި ކޯޓްޔާޑަކީ އެންޓި-އެއާކްރާފްޓް ނެޓް ނުޖަހައި ހުރި ހަމައެކަނި ސަރަހައްދެވެ. ޖަލުން ބުނީ އެ ސަރަހައްދުގައި ނެޓު ޖަހާފައި ނުވަނީ އެއީ ގައިދީން ބޭނުންކުރާ ތަނަކަށް ނުވާތީ ކަމަށެވެ.

ހެލިކޮޕްޓަރުގައި ފާއިދު ގެންދިއުމަށް ފަހު އެ މީހުން ވަނީ ހެލިކޮޕްޓަރު ދޫކޮށްލުމަށް ފަހު ވެހިކަލެއްގައި ފިލައިފަ އެވެ. ހެލިކޮޕްޓަރު ތިރިކުރި އިރު އެ ވެހިކަލް އޮތީ ތައްޔާރަށެވެ. ފަހުން އެ މީހުން ވަނީ އެ ވެހިކަލް އަންދާލުމަށް ފަހު އެހެން ވެހިކަލެއްގައި ފިލައިފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ފާއިދު ވަނީ ޖަލުގެ ހަތަރު ގާޑަކު އިންސާނީ އައްޑަނައަކަށް ހެދުމަށް ފަހު ޖަލުގެ ދޮރުތަކުގައި ޑައިނަމައިޓް އަޅައި ގޮއްވާލުމަށް ފަހު ފިލައިފަ އެވެ. ނަވާރަ ސަތޭކަ ހަތް ދިހަ ދެ ވަނަ އަހަރު އުފަންވެފައިވާ ފާއިދު ވަނީ 90ގެ އަހަރުތަކުގައި ގޭންގެއް ހިންގައިފަ އެވެ. ފާއިދު ވަނީ ގޭންގްސްޓާ ފިލްމުތައް ބަލަން އޭނާ ވަރަށް ލޯބިކުރާ ކަމަށް ބުނެފަ އެވެ.