09 އޯގަސްޓް 2016 - 21:52

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވޯޓު ނެގި ވަގުތު މަޖިލިހަށް ވަޑައިނުގެންނެވި، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވެސް ޕީޕީއެމްގެ ވައިބަ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.
ޕީޕީއެމްގެ ވައިބަ ގުރޫޕުން އޭނާ ބޭރުކޮށްލިއިރު، ސަރުކާރާ ދެކޮޅަށް އަދި ހާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު ބިލަށް ޕީޕީއެމްގެ ތެރެއިން ފާޅުގައި އެންމެ ފުރަތަމަ ތެދުވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާ މެދު ވެސް މިދިޔަ ހުކުރު ދުވަހު ވަނީ އެ ފިޔަވަޅު އަޅައިފަ އެވެ.
ސަލީމާއި މުސްތަފާ ފާހަގަ ކުރެވިފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް ވައިބަ ގުރޫޕުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ގޮތުގަ އެވެ. ފަހުން މުސްތަފާ ވެސް އެ ބިލް އަދި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވިދާޅުވެފަ އެވެ.
ބިލަށް ވޯޓަށް އެހި ގަޑީގައި ސަލީމްގެ އިތުރުން ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މަޖިލިހަށް ވަޑައިނުގަންނަވަނީ މަޑުއްވަރީ ދާއިރާގެ އަހުމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދެވެ.
މި ބިލާ ދެކޮޅަށް ޕީޕީއެމުން މިއަދު ވޯޓު ދެއްވީ މުސްތަފާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ.