03 އޮކްޓޯބަރ 2018 - 10:39

އަންނަ އަހަރުގެ ކުރީކޮޅު އޮންނަ އާންމު އިންތިޚާބު ހަމަޖައްސާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ވާއިރު، އެއަށް ބަދަލެއް ނުގެނެސްފި ނަމަ، އާންމު އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެ އެވެ. މިހާރު މަޖިލިހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ފެށިގެން މެންދުރު ފަހު 3 ޖެހުމާ ހަމައަށް ކަމަށް އީސީގެ އިއުލާނުގައިވެ އެވެ.
އިއުލާންގައިވާ ގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނަށެވެ.
މިހާރު އަމަލު ކުރާ ގާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި 77 މެމްބަރުން އިންތިޚާބު ކުރި އެވެ. އަދި 2014 ގައި ބޭއްވި އިންތިޚާބުގައި 85 މެމްބަރުން އިންތިޚާބުވި އެވެ. އެހެންވެ، މިފަހަރު އާންމު އިންތިޚާބުގައި އިތުރު ދެ ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ. އިތުރުވީ މާލޭގެ ދެ ދާއިރާ އެވެ.